ވިޔަފާރި

އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަމަހު 19 މިލިއަން ރުފިޔާ


އިންކަމް ޓެކްސްގެ ގޮތުގައި މޭމަހު 19 މިލިއަން ރުފިޔާ މީރާއަށް ލިބިއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ މޭމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންކަމް ޓެކްސްގެ ގޮތުގައި ބަލައިގަނެފައިވަނީ 19،960،945 (ނަވާރަ މިލިއަން ނުވަސަތޭކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ސާޅީސްފަހެއް) ރުފިޔާއެވެ. މިއީ އިންކަމް ޓެކްސް ތަޢާރަފްކުރިފަހުން ދައުލަތައް މި ޓެކުހުން ލިބުނު ފުރަތަމަ އާމްދަނީވެސްމެއެވެ.

އިންކަމް ޓެކްސް ނަގަނީ މަހަކު 40000 ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ ޕްރޮގްރެސިވް ނިޒާމެއްގެ ތެރެއިން، އިންކަމް ޓެކްސް ނަގާނަމަ އަހަރެއްގެ މައްޗަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބޭނެކަމަށެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މޭމަހާއި އަޅާބަލާއިރު މިއަހަރުގެ މޭމަހު އެއިދާރާއަށް ބަލައިގަތް ގިނަ އަދަދެއްގެ ޓެކްސްތައް ވަނީ ދަށްވެފައެވެ. އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި މިއަހަރުގެ މޭމަހު ލިބިފައިވަނީ 16 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މޭމަހު މިއަދަދު އުޅުނީ 65 މިލިއަނުގައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ފާއިތުވި މޭމަހު ލިބިފައިވަނީ 7.9 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ މޭމަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 77 މިލިއަން ރުފިޔާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މިއަހަރުގެ މޭމަހު ވަނީ ދަށްވެފައެވެ. އެއީ 16.8 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މޭމަހު މިއަދަދު އުޅުނީ 65.5 މިލިއަނުގައެވެ.

މީރާއިން ބުނީ އާމްދަނީ ދަށްވެފައިވަނީ ކޯވިޑް-19 އާއިގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ޓެކްސް ސުންގަޑިތައް ފަސްކޮށްފައިވާތީއާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ބޮޑުތަނުން ދަށްވެފައިވުމުންކަމަށެވެ.