ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކާއި
އައްޑޫ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ހުސައިން ޝާފީ
ވިދާޅުވީ މިހާރު ކުރަމުންދާ
ވިއްސާރައިގައި ގާތްގަނޑަކަށް ތިންސަތޭކައަށްވުރެ ގިނަ ގެއަށް އެކި ވަރުގެ ގެއްލުން
ލިބިފައިވާ ކަމަށެވެ. ފުވައްމުލަކަށް ލިބުނު ގެއްލުންތައް ބަލަމުންދާކަމަށާއި މިހާރު
ގެއްލުން ލިބިފައިވާ ތަންތަނުގެ މަޢުލޫމާތަށް ބަލާއިރު ގާތްގަނޑަކަށް ދެމިލިޔަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާނެކަމަށް ލަފާކުރެވޭކަމަށް ޝާފީ
ވިދާޅުވިއެވެ. އައްޑޫ ސިޓީއަށްލިބުނު ގެއްލުންތަކާ ގުޅޭގޮތުން
އައްޑޫސިޓީގެ މޭޔަރ ޞާދިގު ވިދާޅުވީ
އެސިޓީގެ 15 ވަރަކަށް ގޭގެ ފުރާޅު އެއްލާލާފައިވާކަމަށެވެ. ފުރާޅު އެއްލާލި ގެތަކުގެ ތެރެއިން ދެ ގެއެއް މީހުންނަށް
ނޫޅެވޭވަރަށް ހަލާކުވެފައިވާކަމަށް ޞާދިގު ވިދާޅުވިއެވެ. އެހެން ކަމުން އެ ދެގޭގެ ތެރެއިން އެއްގޭގެ މީހުން
ދިރިއުޅޭ މީހުން ގެސްޓް ހައުސްއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.އައްޑޫސިޓީ ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް
ސެންޓަރާއި އައްޑޫ ޕޮލިހާއި ގުޅިގެން ހާލަތު މޮނިޓަރކޮށް ގެއްލުމުގެ ތަފްސީލް ނަގަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވަނީ ބުނެފައެވެ. އަދި އައްޑޫސީޓީ ކައުންސިލުން ފޯރުކޮށްދެވެންހުރި އެހީތެރިކަމެއް ވިލަރެސް ކުރެވިފައިވާ ނިޒާމުގެ
ތެރެއިން ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަންގާފައިވާނެކަމަށް ޑިޒާސްޓަރ
މެނޭޖްމެންޓުން ބުނެފައިވެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަ
ކުރާނެކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި
ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި މެދުތެރެއާއި
އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި
ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ.