ޚަބަރު

ލީބިޔާގެ މައްސަލަ ޙައްލުކުރުމަށް އެމެރިކާގެ ބައިވެރިވުން އިތުރުކުރަންޖެހޭ: ތުރުކީވިލާތް


ލީބިޔާގެ މައްސަލަ ޙައްލުކުރުމަށް އެމެރިކާގެ ބައިވެރިވުން އިތުރުކުރަންޖެހޭކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ތުރުކީވިލާތުގެ ދާޚިލީ ވަޒީރު މެވްލޫތު ޗޮވުޝޮލު ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކޮށް، ސިޔާސީ މަޝްވަރާތަކުގައި އެމެރިކާގެ ބައިވެރިވުން އިތުރުކުރަންޖެހޭކަމަށެވެ. އޭނާ އެހެން ވިދާޅުވީ އދ މެދުވެރިވެ ލީބިޔާގެ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ފަށާފައިވާ ވަގުތެއްގައެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި ތުރުކީވިލާތުން ވާގިވެރިވަނީ އެ ޤައުމުގެ ރަސްމީ ސަރުކާރަށެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އިދިކޮޅު ޚަލީފާ ޙަފްތާރު މަސައްކަތްކުރަމުންދަނީ ލީބިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ވެރިރަށް ޠަރާބުލުސާއި ލީބިޔާގެ ހުޅަނގު އުތުރު ސަރަޙައްދުތައް އޭނާގެ ބާރުގެ ދަށަށް ގެނައުމަށެވެ.
ފާއިތުވި ހަފުތާތަކުގައި ތުރުކީވިލާތުގެ އެހީތެރިކަމާއެކު ސަރުކާރުގެ ފައުޖުތަކުންވަނީ ޙަފްތާރުގެ ލީބިޔާ ނޭޝަނަލް އާމީ، އެލްއެންއޭއާ ކުރިމަތިލުމަށްފަހު، އެ ޤައުމުގެ ވެރިރަށް ޠަރާބުލުޞް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައެވެ.

ޙަފްތާރުގެ ޙަމަލާތަކާމެދު ހިތްހަމަނުޖެހޭކަމަށް މީގެ ކުރިން އެމެރިކާއިންވަނީ ބުނެފައެވެ. އެލްއެންއޭއަށް ރަޝިޔާއިން ވާގިވެރިވާތީ އެކަމާ ގުޅޭގޮތުން އެމެރިކާއިން ފާޑުކިނަމަވެސް މައި ސަރުކާރަށް ތާޢީދުކުރާކަމަކަށް އެމެރިކާއިން ބުނެފައެއް ނުވެއެވެ.

ލީބިޔާގެ މައްސަލައިގައި މަޝްވަރާކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންވަނީ އެއްބަސްވެވަޑައިގެންފައެވެ. ޗޮވުޝޮލު ވިދާޅުވީ ކޮންމެވެސް ސަބަބަކާހުރެ ލީބިޔާގެ މައްސަލަ ޙައްލުކުރުމުގައި އެމެރިކާއިން ބައިވެރިނުވާކަމަށާއި ނޭޓޯގެ ބައިވެރިއެއްކަމަށްވާ އެމެރިކާއަކީ މުހިންމު ޤައުމެއްކަމަށެވެ. އޭނާ ވިދާޅުވީ ދެ ރައީސުން އެއްބަސްވެވަޑައިގެންފައިވާ ގޮތަށް މި ޙާލަތުގައި ޢަމަލުކުރާނެގޮތަކާމެދު ތުރުކީވިލާތާއި އެމެރިކާގެ ރަސްމީ ފަރާތްތަކުން މަޝްވަރާކުރާނެކަމަށެވެ.