ކޯވިޑް-19 ފެތުރޭ މިންވަރު އެފުރިކާގައި އިތުރުވަމުންދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.
އެފުރިކާގެ ބޮޑެތި ޤައުމުތަކުގެ މައި ސިޓީތަކުން އަންނަ ދަތުރުވެރިންގެ ފަރާތުން އެފުރިކާގެ އެކަހެރި ސަރަޙައްދުތަކަށް ކޯވިޑް-19 ފޯރާފައިވާކަން ފާހަގަކުރައްވާ ޑަބްލިއުއެޗުއޯގެ އެފުރިކާ ސަރަޙައްދުގެ ޑިރެކްޓަރު މަޝިޑިސޯ މޮޓީ ވިދާޅުވީ ކޯވިޑް-19 ޖެހިގެން ޙާލު ގޯސްވާ މީހުންނާއި މަރުވާ މީހުން ފާހަގަނުވެ އެ ސަރާޙައްދުގައި ދޫވަމުންދާކަމަށް ޤަބޫލުނުކުރައްވާކަމަށާއި އެ ސަރަޙައްދުގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަވެފައި ނުވާކަމަށެވެ. އެފުރިކާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 އެންމެ ބޮޑަށް ފެތުރެނީ 10 ޤައުމެއްގައިކަމަށާއި ބަލިޖެހިފައިވާ މީހުންގެ 75 އިންސައްތަ އެ ޤައުމުތަކުން ޙިއްޞާކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 207،600 މީހުންނެވެ.
އެފުރިކާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ 25 އިންސައްތަ މީހުން ފެނިފައިވަނީ ދެކުނު އެފުރިކާއިންނެވެ. ބަލި ފެތުރުން ހުއްޓުވުމަށް އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދަށް މިދިޔަ މަހުގެ ތެރޭގައިވަނީ ލުއި ދޭން ފަށާފައެވެ. މޮޓީ ވިދާޅުވީ އެފުރިކާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވިނަމަވެސް އެ ސަރަޙައްދުން ބަލި ޖެހިފައިވާ މީހުން ޙިއްޞާކުރަނީ ކޯވިޑް-19 ޖެހިފައިވާ 7 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން 3 އިންސައްތައަށްވުރެ ދަށް ޢަދަދެއްކަމަށެވެ. ނަމަވެސް އެ ސަރަޙައްދުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެފްރިކާގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރަނީ ޒުވާނުންނެވެ. އިބޮލާ ބައްޔާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެފުރިކާގެ ޤައުމުތަކުގައި ކުރިން އަޅާފައި އޮތުމާއި ޒުވާނުން ގިނަވުމަކީ އެ ސަރަޙައްދުގައި ބަލި ފެތުރޭ މިންވަރު މާބޮޑަށް އިތުރުވެގެން ނުދިއުމުގެ ސަބަބެއްކަމަށް ޤަބޫލުކުރެވޭކަމަށް މޮޓީ ވިދާޅުވިއެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް އިޢުލާނުކޮށްފައިވާ ފުރަބަންދުތަކާއި އަޅާފައިވާ އެހެން ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުތަކުގައި ދިރިއުޅޭ ފަޤީރުންނާއި ނިކަމެތިންނަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް އެ ސަރަޙައްދަށް އެންމެ މުހިންމީ ކޯވިޑް-19އަށް ތަހުލީލުކުރުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.