ވިޔަފާރި

އީ-ސްޓޯރ މެދުވެރިކޮށް އެސްޓީއޯ ސްޕަމާޓުން މިހާރު ވިޔަފާރިކުރެވޭނެ


"އީ-ސްޓޯރ" މެދުވެރިކޮށް އެސްޓީއޯ ސްޕަމާޓުން ވިޔަފާރިކުރުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލައިފިއެވެ.

"އީ-ސްޓޯރއެމްވީ"އިން ތަކެތި ގަތުމުގެ ފުރުސަތު އާއްމުންނަށް އަލުން ހުޅުވާލާފައިވާއިރު ވިޔަފާރި ކުރުމުގައި ފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ތަކެތި ބޭނުންވާ ކެޓަގަރީތައް ހިޔާރު ކުރުމުގެ ފުރުސަތާއި، ގަންނަން ބޭނުންވާ އެއްޗެއްގެ އެންމެ އަގު ހެޔޮކޮށް ލިބެން ހުރި ބުރޭންޑްތައް ފަސޭހައިން ބަލާލެވެއެވެ. އަދި އެސްޓީއޯ ސްޕަރމާޓުން ލިބޭ 213 ޕްރޮޑަކްޓެއް އީ-ސްޓޯރއިން ގަތުމުގެ ފުރުސަތު ލިބެއެވެ.

އެސްޓީއޯއިން އޭޕްރީލްމަހު ކުރީކޮޅު ފެށި އީސްޓޯރގެ ޚިދުމަތް މޭމަހުގެ ކުރީކޮޅު މެދުކަނޑާލީ އެސްޓީއޯގެ ބައެއް ސްޓާފުން ކޯވިޑްއަށް ޕޮޒިޓިވްވެ، އަދި ބައެއް ސްޓާފުން ކަރަންޓީނަށް ދާންޖެހުމާ ގުޅިގެން ޚިދުމަތަށް ބުރޫ އެރުމުގެ ސަބަބުންނެވެ.

ގޭގެއަށް ޑެލިވަރކުރުން މެދުކަނޑާލިނަމަވެސް އޭރުން ފެށިގެންވެސް އެސްޓީއޯ ސްޕާރމާޓުން ދިޔައީ ހޯލްސޭލް ޚިދުމަތް އީސްޓޯރއިން ދެމުންނެވެ. އަދި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން އީސްޓޯރ އެމްވީއިން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ގަތުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ލޮކްޑައުންގެ ހަފްތާއެއްކުރިން އެސްޓީއޯއިން ފެށި އީސްޓޯރގެ ޚިދުމަތަށް ލޮކްޑައުން ފެށުމާއެކު ވަރަށް ބޮޑަށް ބާރުބޮޑުވެގެން ދިޔައެވެ. އެގޮތުން ލޮކްޑައުންގެ ފުރަތަމަ ދުވަހުން ފެށިގެން އެތައް ހާސް އޯޑަރެއް އީސްޓޯރއަށް އަންނައިރު، އެހުރިހާ އޯޑަރަކަށް އެސްޓީއޯއިން ވަނީ މުދާ ފޯރުކޮށްދީފައެވެ.