އެމެރިކާގައި 2 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގައި 20،852 މީހުންނަށް ކޯވިޑް-19 ޖެހި، 982 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ޖުމުލަ ޢަދަދުވަނީ 2،066،401އަށް އިތުރުވެ، މަރުވި މީހުންގެ ޢަދަދު 115،130އަށް އަރައިފައެވެ.
ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ފާއިތުވި 5 ހަފުތާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދަށްވިނަމަވެސް ބަލި ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ތަހުލީލުކުރާ މިންވަރު އިތުރުވުމަކީ ބަލި ޖެހިފައިވާ މީހުން ދެނެގަތުން އިތުރުވާ ސަބަބެއްކަމަށްވުން އެކަށީގެންވެއެވެ. އޭގެ އިތުރުން ބޭރަށް ނުކުންނަ މީހުންގެ ޢަދަދު އިތުރުވުމާއި ބައެއް ވިޔަފާރިތައް އަލުން ހުޅުވައި މުނިފޫހިފިލުވުމުގެ ބައެއް ޙަރަކާތްތައް އަލުން ފެށުމުގެ ސަބަބުން ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވެއެވެ.
އެމެރިކާގެ މިނިއެޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާ މަރުވުމުން އެކަމާ ދެކޮޅަށް އެ ޤައުމުގެ ހުރިހާ ސްޓޭޓެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއްނެތި އެތައް ހާސް ބަޔަކުދަނީ މުޒާހަރާކޮށްފައެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ހަފުތާތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް ކުއްލިއަކަށް އިތުރުވެދާނެކަމަށް ބެލެވެއެވެ.
އެމެރިކާގެ ނައިބު ރައީސް މައިކު ޕެންސު ވިދާޅުވީ މުޒާހަރާތަކަށް ދެ ހަފުތާ ވެފައިވީނަމަވެސް އޭގެ ސަބަބުން ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށެވެ. މުޒާހަރާގައި ބައިވެރިވާ ގިނަ ޢަދަދެއްގެ މީހުން ގައިދުރުކަން ބެހެއްޓުމުގެ އިތުރުން މާސްކު ބޭނުންކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސެޕްޓަމްބަރު މަހުގެ ނިޔަލަށް އެމެރިކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދު 200،000އަށް އިތުރުވާނެކަމަށް ބެލެވޭކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އިތުރަށް ހުށިޔާރުވެ ތަހުލީލުކުރާ މިންވަރު އިތުރުކޮށްފިނަމަ އަދިވެސް އެ ޢަދަދު ދަށްކުރެވިދާނެކަމަށް ސައިންސުވެރިން ބުނެއެވެ.