ޚަބަރު

ހަފުތާއެއް ކުރިން އިނގިރޭސިވިލާތް ފުރަބަންދުކުރިނަމަ މަރުވާ މީހުންގެ ޢަދަދު ދަށްކުރެވުނީސް


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގައި އިޢުލާނުކުރި ފުރަބަންދު އޭގެ 1 ހަފުތާ ކުރިން ތަންފީޒުކުރިނަމަ އެ ޤައުމުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު ދެ ގުނައަށް ދަށްކުރެވުނީސްކަމަށް އެ ޤައުމުގެ ސައިންޓިފިކް އެޑްވައިޒަރީ ގުރޫޕު، ސޭޖުގެ ކުރީގެ މެންބަރަކު ބުނެފިއެވެ.

އިނގިރޭސިވިލާތުގައި 290،143 މީހުންނަށް ކޯވިޑް-19 ޖެހި، 41،128އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޤައުމު ފުރަބަންދުކުރަން ފަސްޖެހިވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެ ޤައުމުގައި ފުރަބަންދު އިޢުލާނުކުރައްވާފައިވަނީ މާރިޗު 23ގައެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ގައިންގަޔަށް އަރާބަލިތަކާބެހޭ މާހިރެއްކަމަށްވާ ނީލް ފާގަސަން ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުކަމަށް ޤަބޫލުކުރެއްވިނަމަވެސް އެ ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ލަސްކޮށްފައިވާކަމަށެވެ. ފުރަބަންދު އިޢުލާނުކުރުމުގެ ކުރިން ބަލި ޖެހޭ މީހުންގެ ޢަދަދު ދިޔައީ ކޮންމެ 3 ނުވަތަ 4 ދުވަހަކުން ދެ ގުނައަށް އިތުރުވަމުންކަމަށް އޭނާ ވިދާޅުވިއެވެ. ފުރަބަންދު އިޢުލާނުކުރުމުގެ އެއް ހަފުތާ ކުރިން އެ ފިޔަވަޅު އެޅިނަމަ ބަލީގައި މަރުވާ މީހުންގެ ޖުމުލަ ޢަދަދު ދެބައިކުޅަ އެއްބަޔަށް ދަށްކުރެވުނީސްކަމަށް އޭނާ ވިދާޅުވިއެވެ.

އިމްޕީރިއަލް ކޮލެޖުގެ ޕްރޮފެސަރެއްކަމަށްވާ ފާގަސަން ސޭޖުގެ މެނަބަރުކަމުން އިސްތިޢުފާދެއްވީ ފުރަބަންދުގެ ޢުސޫލުތަކާ ޚިލާފުވެވަޑައިގަތްކަމަށް ތުހުމަތުކުރުމުންނެވެ. ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ ކޯވިޑް-19 ފެތުރެން ފެށުމުން ސަރުކާރުން ފިޔަވަޅު އެޅުމުގައި ހެދުނު ގޯސްތަކާ ގުޅޭގޮތުން ވާހަކަދައްކަން އަވަސްކަމަށާއި ސަރުކާރުން ފިޔަވަޅުތައް އަޅާފައިވަނީ ފާގަސަން ހިމެނިވަޑައިގަންނަވާގޮތަށް ސޭޖުގެ ލަފާގެ މަތިން ޙަލަތާ އެންމެ އެކަށީގެންވާ ގޮތަށްކަމަށެވެ.