ޚަބަރު

ޗައިނާއިން ތައްޔާރުކުރަން މަސައްކަތްކުރާ ވެކްސިނުގެ ތަހުލީލުތަކުން އުންމީދީ ނަތީޖާތަކެއް


ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން ތައްޔާރުކުރަމަށް މަސައްކަތްކުރަމުންދާ ވެކްސިންގެ ތަހުލީލުތަކުން އުންމީދީ ނަތީޖާތައް ލިބިފައިވާކަމަށް ސައިންސުވެރިން ބުނެފިއެވެ.

ބީބީއައިބީޕީ-ކޯވް ވެކްސިންގެ މަސައްކަތްކުރަނީ ބެއިޖިންގ އިންސްޓިޓިއުޓު އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްސް، ސިނޯފާމުންނެވެ. އެ މަސައްކަތުގައި ޗައިނާގެ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ޗައިނާ ނެޝަނަލް ފާމަސޫޓިކަލް ގްރޫޕުންވެސް ބައިވެރިވެއެވެ. އިންސާނުން ބޭނުންކޮށްގެން ޗައިނާއިން ތަހުލީލުކުރަމުންދާ 5 ވެކްސިންގެ ތެރޭގައި އެ ވެކްސިން ހިމެނެއެވެ.

ރާމާމަކުނު ބޭނުންކޮށްގެން ބީބީއައިބީޕީ-ކޯވް ތަހުލީލުކުރުމުން އެނގުނު ގޮތުގައި ވެކްސިންގެ ސަބަބުން ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ އެންޓޮބިޑީވަނީ ރާމާމަކުނުގެ ހަށިގަނޑުގައި އުފެދިފައެވެ. އަދި އެ ވެކްސިން ބޭނުންކުރުމުގެ އެއްވެސް ނޭދެވޭ އަސަރެއް ފާހަގަވެފައިނުވާކަމަށް ތަހުލީލުކުރި ފަރާތުން ޝާއިޢުކުރި ކަރުދާހެއްގައި ބުނެފައިވެއެވެ. ހަށިގަނޑުގައި އުފެދުނު ބާރުގަދަ އެންޓިބޮޑީއަކީ ރާމާމަކުނާއި މީދަލާއި ގިނީ ޕިގާއި މުސަޅުގެ ހަށިގަނޑުން ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އަސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެންޓިބޮޑީއެއްކަމަށް އެ ކަރުދާހުގައި ބުނެފައިވެއެވެ. އަދި ބަލި އިތުރަށް ބޮޑުވުމަށް މަގުފަހިކޮށްދޭ އެއްވެސް އެންޓިބޮޑީއެއް ރާމާމަކުނުގެ ހަށިގަނޑުގައި އުފެދިފައިނުވާކަމަށް އެ ދިރާސާއިންވަނީ ދެނެގަނެފައެވެ. ދިރާސާކުރާ ސައިންސުވެރިން ބުނީ އެ ތަހުލީލުތަކުގެ މައްޗަށް ބިނާކޮށް އިންސާނުން ބޭނުންކޮށްގެން ވެކްސިން ތަހުލީލުކުރަން ފަށާފައިވާކަމަށާއި އެ ތަހުލީލުގައި 1،000އަށްވުރެ ގިނަ މީހުން ބައިވެރިވާކަމަށެވެ.

ދުނިޔޭގެ 100އަށްވުރެ ގިނަ ޤައުމަކާއި ޖަމާޢަތަކުންދަނީ ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، އެމެރިކާގެ ޖޮންސަން އެންޑް ޖޮންސަން ކުންފުންޏާއި އެމެރިކާގެ މޮޑަނާ ކުންފުންޏާއި ޗައިނާގެ ކެންސިނޯ ބަޔޮލޮޖިކްސް ކުންފުނި ހިމެނެއެވެ.

ސިނޯފާމުންދަނީ ދެ ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތަށް އެ ކުންފުނިންވަނީ 141.4 މިލިޔަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ. ދެ ވެކްސިންވެސްވަނީ ތަހުލީލީ ބޭނުމަށް 2،000އަށްވުރެ ގިނަ މީހުންނަށް ދީފައެވެ.