ޚަބަރު

ކޯވިޑް-19 ޖެހޭ މީހުން ޙާލު ދެރަވާ ސަބަބުތައް ދެކުނު ކޮރެޔާއިން ހޯދައިފި


ކޯވިޑް-19 ޖެހޭ ބައެއް މީހުން ޙާލުދެރަވާ ސަބަބުތައް ހޯދާފައިވާކަމަށް ދެކުނު ކޮރެޔާގެ ޔަންގަމް ޔުނިވާސިޓީގެ މެޑިކަލް ސެންޓަރުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެންމެ ފުރަތަމަ ޗައިނާގައި ކޯވިޑް-19 ފެތުރެން ފެށިފަހުން 7.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، މަރުވި މީހުންގެ ޢަދަދުވަނީ 419،000އަށް އިތުރުވެފައެވެ. ޔަންގަމް ޔުނިވާސިޓީގައި މަސައްކަތްކުރާ އެތެރެހަށީގެ ބަލިތަކާ ބެހޭ ޕްރޮފެސަރެއްކަމަށްވާ އާން ޖޫން-ހުން ވިދާޅުވީ ދިގު މުއްދަތަށް ބޭސްކުރާ މީހުންގެ ތެރެއިން ކޯވިޑް-19 ޖެހުމުން ޙާލު ދެރަވަނީ ކޮން މައްސަލަތަކެއް ހުންނަ މީހުންނަށްކަން ހޯދާފައިވާކަމަށާއި އޭގެ ސަބަބުން ބަލިޖެހިފައިވާ މީހުންގެ ތެރެއިން ބަލީގައި މަރުވުމުގެ ފުރުޞަތު ބޮޑު މީހުން ދެނެގަނެ ފަރުވާދިނުމުގައި އެ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މަގުފަހިވާނެކަމަށެވެ.

ޖަރނަލް އޮފް ކޮރެޔަން މެޑިކަލް ސައިންސަސްގައި ޝާއިޢުކުރި ކަރުދާހުގައި ޔަންގަމް ޔުނިވަސިޓީން ބުނީ ހަކުރުބަލި ހުންނަ މީހުންނާއި ލޭގެ ޕްރެޝަރު މަތި މީހުންނާއި ހަށިގަނޑުގެ ހޫނުމިން މަތި މީހުންނާއި މީގެ ކުރިން ހިތުގެ އެކި މައްސަލަތައް ދިމާވެފައިވާ މީހުންނަށް ކޯވިޑް-19 ޖެހިއްޖެނަމަ އެމީހުންގެ ޙާލު ވަރަށް ބޮޑަށް ގޯސްވާކަމަށް ފާހަގަވެފައިވާކަމަށެވެ. އެކަން ދިރާސާކުރުމަށް ފެބްރުއަރީ މަހުގެ 19ން އޭޕްރިލް މަހުގެ 15އަށް ޔަންގަމް ޔުނިވަސިޓީގެ 3 ޑޮކްޓަރުންގެ ޓީމަކުންވަނީ ދެކުނު ކޮރެޔާގެ ޑައެގޫގައި ހުންނަ ހަސްފަތާލެއްގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ 110 މީހުންގެ ޙާލަތު ދިރާސާކޮށްފައެވެ. އެ މީހުންގެ ތެރެއިން 23 މީހުންގެ ޙާލުވަނީ ދެރަވެފައެވެ. އެ ކަރުދާހުގައި ބުނީ ޙާލު ދެރަވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންކަމުން އެމީހުންނަށް ހަކުރުބަލިފަދަ ބަލިތަކުގެ އަސަރުކޮށްފައި ހުރުމުގެ ފުރުޞަތާއި އެމީހުންގެ ހަށިގަނޑުގައި އޮކްސިޖަން ދަޢުރުވުމުގެ ބާރު ދަށްވެފައިވުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އެ ކަރުދާހުގައި ފާހަގަކޮށްފައިވާ 4 ޞިއްޙީ މައްސަލައިގެ ތެރެއިން 3 މައްސަލަ ހުންނަ މީހުންގެ ޙާލު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް އެ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

ޕްރޮފެސަރު އާން ވިދާޅުވީ ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ޙާލު ބޮޑުވުމަށް މަގުފަހިވާ މައްސަލަތައް ހުރި މީހުން ދެނެގަތުމުން ބަލިޙާލަތު މާބޮޑަށް ގޯސްނުވަނީސް އެމީހުންނަށް ބޭނުންވާ ފަރުވާދިނުމަށް މަގުފަހިވާނެކަމަށެވެ.