ޚަބަރު

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދަތިކުރާނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިން ދީފި


ދެ ކޮރެޔާގެ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅޭގޮތުން އެމެރިކާއަށް އެއްޗެއް ނުބުނެވޭނެކަމަށާއި ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު އޮމާންކޮށް ކުރިއަށްގެންދަން ބޭނުންވާނަމަ އެންމެ ރަނގަޅުވާނީ އެމެރިކާއިން އެ މައްސަލައިގެ ތެރެއަށް ނުވަނުންކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ. އުތުރު ކޮރެޔާއިން އެހެން ބުނީ ދެކުނު ކޮރެޔާއެކު އޮންނަ މުވާސަލާތީ ގުޅުން ކަނޑާލުމުން ހިތާމަކުރާކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނިކޮށެވެ.

އުތުރު ކޮރެޔާއިން ބުނީ އެމެރިކާގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ ވަގުތެއްގައި އަމިއްލަ ޤައުމުގެ ދާޚިލީ ކަންކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އެހެން ޤައުމުތަކުގެ އަމިއްލަ ކަންކަމަށް ގޮތް ކިޔުމުގެ ނަތީޖާ ގޯސްވެދާނެކަމަށެވެ. އަދި މަސްލަޙަތަށް އެންމެ ރަނގަޅުވާނީ ދެ ކޮރެޔާގެ މައްސަލައާމެދު އެމެރިކާއިން އެއްޗެއް ނުބުނުންކަމަށް އުތުރު ކޮރެޔާއިން ބުންޏެވެ. އެގޮތަށް ޢަމަލު ނުކޮށްފިނަމަ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިންވަނީ ދީފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދަތިކުރަން އުތުރު ކޮރެޔާއިން އަޅާނީ ކޮން ފިޔަވަޅުތަކެއްކަމެއް ބުނެފައެއް ނުވެއެވެ. ކަމާބެހޭ މާހިރުން ޤަބޫލުކުރާގޮތުގައި އުތުރު ކޮރެޔާއިން އެމެރިކާގެ އިންތިޚާބަށް ހުރަސް އަޅަންކުރާ މަސައްކަތުގެ ސަބަބުން އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް އޮންނަ ތާޢީދު އިތުރުވުންވެސް އެކަށީގެންވެއެވެ.