މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންކަމުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައި ކަމުގައިވެސް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާމިނަތު ޢާޠިފާ އެ މަގާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން އެކަމަނާގެ އިސްތިޢުފާ ޤަބޫލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަނީ ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން އާމިނަތު ޢާޠިފާ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
އާމިނަތު ޢާޠިފާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިޢުފާ ދެއްވީ އެކަމަނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޢުޒުރުވެވަޑައިގަންނަވާތީކަމުގައިވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެކަމަނާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މަޢުލޫމާތުވެސް އެކަމަނާ ގެންދެވީ ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާ ކުރައްވަމުން ކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އާތިފާ މަޤާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާފައި ވަނީ އިއްޔެއެވެ.