ޚަބަރު

"ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު" ގެޒެޓުކޮށްފި


އެއް ހިއްސާދާރުންތަކެއް ތިބޭ ކުންފުނިތަކުގެ މެދުގައި ވިޔަފާރިއާއި ފައިސާގެ މުއާމަލާތް ކުރުމުގައި އަމަލުކުރަންޖެހޭ "ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު" މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ގެޒެޓުކޮށްފިއެވެ.

"ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު"ގެ ނަމުގައި މީރާއިން ގެޒެޓްކުރި މި ގަވާއިދަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. މީރާއިން ބުނީ މިގަވާއިދަކީ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމަންޓު، ނުވަތަ ގުޅުން ހުރި ކުންފުނިތަކުގެ މެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ހަމައަގު ކަނޑައަޅާ ގޮތުގެ ތަފްސީލް ހިމަނައިގެން ތައްޔާރުކުރާ ޑޮކިއުމަންޓް ނުވަތަ ލިޔެކިއުން ތައްޔާރުކުރާނެ ގޮތުގެ ގަވައިދުކަމަށެވެ.

މީރާއިން ބުނީ މިގޮތުން ތައްޔާރުކުރާ ލިޔެކިޔުމުގައި އެއް ބައެއް ހިންގާ ތަފާތު ކުންފުނިތަކުގެ މެދުގައި ކުރާ މުއާމަލާތުގައި ހަމަ އަގު ކަނޑައެޅި ގޮތާއި، އެއްބަސްވެފައިވާ ކަންކަމާއި، މުއާމަލާތުގެ ތަފްސީލް އަދި އެހެން ބައިތައް ހިމަނަން ޖެހޭނެކަމަށެވެ.

ކޮންމެ ކުންފުންޏަކުންވެސް ގުޅުން ހުންނަ ކުންފުނިތަކާއެކު ކުރާ މިފަދަ މައުލޫމާތުތަކުގެ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމަންޓް ތައްޔާރުކޮށް ކުންފުނީގައި ބަހައްޓަންޖެހޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި މިފަދަ މުއާމަލާތްތައް ހިނގާފައިވަނީ ޤަވައިދުތަކާ އެއްގޮތައްތޯ ބެލުމަށް މީރާއިން އޮޑިޓް ކުރުން ފަދަ ކަންކަން ކުރާއިރު ކުންފުނިތަކުން ތަފްސީލަށް އެދުމުން މީރާއަށް ހުށަހަޅަންޖޭހޭ ލިޔެކިޔުމެއް ކަމަށެވެ.

މިގަވާއިދުގައިވާ ގޮތުން ކުދި ވިޔަފާރީގެ މުއާމަލާތްތަކުގައި މިފަދަ ލިޔެކިއުންތައް ތައްޔާރުކުރާކަށް ނުޖެހޭނެއެވެ. އަދި މިނޫނަސް މިގަވާއިދުގައި މިފަދަ ލިޔެކިއުން ތައްޔާރުކުރުމުން އިސްތިސްނާވާ ހަލާތްތައް ވަނީ ބަޔާންކޮށްފައެވެ. މި ގަވައިދުގައިވާ ގޮތުން މިޑޮކިއުމެންޓޭޝަން ދިވެހި ނުވަތަ އިނގިރޭސިބަހުންވެސް ތައްޔާރުކުރެވިދާނެއެވެ.