ވިޔަފާރި

ހުޅުމާލެ ފޭސް2ގެ މުހިއްމު ކޮންސްޓްރަކްޝަން މަޝްރޫޢުތަކެއް އިޢުލާންކުރަނީ


މިމަސް ނިމުމުގެ ކުރިން ހުޅުމާލެ 2 ވަނަ ފިޔަވަހީގެ މުހިންމު ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިޢުލާންކުރާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ނިއު ނޯމަލްގައި އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްތައް ކުރިއަށްދާނެގޮތާއި ގުޅޭގޮތުން ބައެއް ކުންފުނިތަކުގެ އިސްވެރިންނަށް ބޭއްވި ވެބިނަރއެއްގައި ވާހަކަދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ކޮންޓަރަކްޝަން މައި މަސައްކަތްތައް އިޢުލާންކުރުމަށް ކުރިން ހަމަޖެއްސީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިކަމަށެވެ. ނަމަވެސް މިކަން އިޢުލާންކުރުމަށް ލަސްތަކެއް ދިމާވިނަމަވެސް މިމަސް ނިމުމުގެ ކުރިން މުހިންމު ކޮންސްޓަރަކްޝަން ޕްރޮޖެކްޓަތައް އިޢުލާންކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފޭސް2ގެ ސިވިލް ވޯކްސްގެ ބައެއް ކަންކަން އަންނަ ހަފްތާގައި ޢިއުލާންކުރާނެކަމަށާއި މީގެތެރޭގައި ހިމެނެނީ ފޭސް 2 އާއި ޓޫރިޒަމް ޒޯންގެ ޗެނަލް ވޯކްގެ މަސައްކަތާއި ޓޫރިޒަމް ޒޯންގެ ބަނދަރުގެ މަސައްކަތްކަމަށް ސުހައިލް ވިދާޅުވިއެވެ. މި މަސައްކަތައް ސައުދީ ފަންޑުން މިހާރުވެސް ފައިސާ ލިބިފައިވާކަމަށާއި މިމަސައްކަތުގައި ލޯކަލް އަދި ފޮރިން ކޮންޓްރެކްޓަރުންނަށްވެސް ބައިވެރިވެވޭނެކަމަށް ސުހައިލް ވިދާޅުވިއެވެ.

"އުންމީދުކުރަނީ ފޭސް2 ގެ މައި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް މިމަސް ނިމުމުގެ ކުރިން ޢިއުލާންކުރެވޭނެކަމަށް. ސިވިލް މަސައްކަތްތަކާއި ބިލްޑިންގ މަސައްކަތްތައްވެސް އެބަހުރި. އެންމެ މުހިންމު އެއް ސިވިލް ވޯކް އަންނަ ހަފްތާގައި އިޢުލާންކުރެވޭނެ. އެއީ ޗެނަލް2 ޕްރޮޖެކްޓް. މިއީ ޓޫރިޒަމް ޒޯންއާއި ފޭސް2 ގެ ޗެނަލް ވޯކްގެ މަސައްކަތް." ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

މިމަސައްކަތްތަކުގެ އިތުރުން ހުޅުމާލެ ފޭސް2ގައި ސްކޫލް އިމާރާތްތައް އެޅުމުގެ މަސައްކަތްތައްވެސް އެބަހުރިކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. މި ޕްރޮޖެކްޓްތަކުގެ މަސައްކަތްވެސް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.