ވިޔަފާރި

4 މަސްތެރޭގައި މަހާޖައްރާފަކީ 100 އިންސައްތަ ދިވެހިން މަސައްކަތްކުރާ އުޅަނދަކަށް ހަދާނަން- އާޒިމް


4 މަސްދުވަހުގެ ތެރޭގައި މަހާޖައްރާފަކީ 100 ޕަސެންޓް ދިވެހިން މަސައްކަތްކުރާ ތަނަކަށް ހަދާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ، ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެންޕްލޯޔާސްއިން އިންތިޒާމްކޮށްގެންބޭއްވި ވެބިނަރގައި ވަހަކަދައްކަވަމުންނެވެ.

މަހާޖައްރާފަކީ އެމް.ޓީ.ސީ.ސީއިން ބިން ހިއްކުމަށް ގަނެފައިވާ ޑްރެޖަރެވެ. އާޒިމް ވިދާޅުވީ، މަހާޖައްރާފަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ތަނަކަށް ހެދިއްޖެނަމަ ޙަރަދުވެސް ކުޑަކުރެވޭނެކަމަށެވެ. އެގޮތުން ބިދޭސީންގެ ބަދަލުގައި ދިވެހިން މަސައްކަތައް ލައިފިނަމަ މަހާޖައްރާފުގެ ޙަރަދު އަހަރެއްގެ ތެރޭގައި 7.5 މިލިއަނާއި 8 މިލިއަނާއި ދެމެދުގެ އަދަދަކުން ކުޑަވެގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުންދަނީ 4 މަސްދުވަހުގެ ތެރޭގައި މަހާޖައްރާފަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ތަނަކަށް ހެދުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޙަރަދެއްހިނގާ އެކައްޗެއް މަހާޖައްރާފަކީ. ޙަރަދުކުޑަކުރުމަށް ބެލި ބެލުމުގައި އެއިގެ މަސައްކަތް ދިވެހިންނަށް ބަދަލުކުރެވިއްޖިއްޔާ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ސޭވް ކުރެވޭއެބަ އަހަރެއްގެ ތެރޭ 7.5 މިލިއަނާއި 8 މިލިއަނާއި ދެމެދުގެ ރުފިޔާ ހަމައެކަނި މަހާޖައްރާފައް. އެހެންވީމަ އަޅުގަނޑުމެން މި އުންމީދުކުރަނީ ކުރިއަށްއޮތް 4 މަސްތެރޭގައި މަހާޖައްރާފަކީ %100 ދިވެހިންނަށް ބަދަލުކުރަން." އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ %50 މުވައްޒަފުންނަކީ ބިދޭސީންނެވެ. އާޒިމް ވިދާޅުވީ، މިހާރު ކުންފުންޏަށް މުޅިންވެސް އަލަށް ނަގަނީ ދިވެހިންކަމަށެވެ. ކުންފުންޏަށް ލިބޭ ފައިދާގެ މަންފާ ދިވެހިންނަށް ކުރަންޖެހޭކަން އާޒިމް ފާހަގަކުރެއްވިއެވެ.

އެމްޓީސީސީއިން މިހާރު 42 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަކަން އާޒިމް ވަނީ ފަހަގަކުރައްވާފައެވެ. މިއީ 36 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެކެވެ. ކުރިއަށް ފެށުމަށް ހަމަޖެހިފައިވާ 28 ޕްރޮޖެކްޓް އޮތްކަމަށް އެ ކުންފުނިން ބުނެއެވެ. ލޮކްޑައުން ނިމުމާއިއެކު ޕްރޮޖެކްޓްތަކުގެ މަސައްކަތް ހަލުވިވެގެންދާނޭކަމަށް އެމްޓީސީސީން ބުނެއެވެ.