ވިޔަފާރި

ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އެހީވުމަށް 12.8 މިލިއަން ޑޮލަރުގެ އެހީއެއް ދީފި


ކޯވިޑް-19އާ ގުޅިގެން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމަފިއެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޯވިޑް-19އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަށް 12.8 މިލިއަން ޑޮލަރު ނުވަތަ 197.38 މިލިއަން ރުފިޔާ ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އެހީގެ ދަށުން ރާއްޖޭގެ އިޖްތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރިމަގުގައި ކުރިއަށްގެންދާ ޕްރޮގްރާމްތައް އިތުރުކުރާނެއެވެ.

ވޯލްޑް ބޭންކުން ދިން އެހީގެ ސަބަބުން ކޯވިޑް-19އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އިނާޔަތެއް ދިނުމަށް ކުރިއަށްގެންދާ މަސައްކަތަށް ފަސޭޙަވެގެންދާނެއެވެ. އަދި ދަތިހާލުގައި އެޅޭ ފަރާތްތަތަކާއި އާއިލާތަކަށްވެސް އެހީގެ ސަބަބުން ފައިދާތަކެއް ކުރާނެކަމަށް ވޯލްޑް ބޭންކުގެ ބަޔާނުގައިވެއެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށާއި، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ އައިޑަހް ސްވަރާއީ-ރިޑީހޯ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގު ސިނާއަތުން ލިބޭ އާމްދަނީ ދަށަށް ގޮސްފައިވުމާއެކު މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް ކަމަށެވެ. އަދި ވޯލްޑް ބޭންކުގެ އެހީގެ ސަބަބުން އެފަރާތްތަކަށް އެހީވުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަށް އެހީތެރިވެދެވީ، ކުރިމަގުގައި ދިމާވެދާނެ މިފަދަ ކާރިސާއަކަށް ތައްޔާރުވުމަށް ރާއްޖޭގެ އިޖްތިމާއީ ދުޅަހެޔޮކަމުގެ ނިޒާމް ހަރުދަނާކުރެވުމަށް މަސައްކަތްތައް ކުރެވިގެންދާނެކަމަށް އިއިޑަހް ވިދާޅުވިއެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަށް ވޯލްޑް ބޭންކުގެ އެހީގެ ދަށުން އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ރަށު ކައުންސިލްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރުމަށްވަނީ ރާވާފައެވެ. އަދި ވަޒީފާ ގެއްލޭ ފަރާތްތަކަށް އަމާޒްކޮށްގެން 'އަންއެމްޕްލޯއީމަންޓް އިންޝުއަރެންސް ޕްރޮގްރާމް'އެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ. މިމަސައްކަތްތަކާއެކު ކުރިމަގުގައި މިފަދަ ކާރިސާއަކާއި ގުޅިގެން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވާ ގެއްލުން ކުޑަކުރެވިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ދެކެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ވޯލްޑް ބޭންކުން މީގެކުރިން ވަނީ 7.3 މިލިއަން ޑޮލަރުގެ އެހީއަކާއި ކާރިޘާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި 16.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.