ވިޔަފާރި

ރާއްޖެ އަންނަން ގިނަ އަދަދެއްގެ ފަތުރުވެރިން ބުކިން ހަދަން ފަށައިފި


އަންނަ އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ބުކިންސްތައް ހަދަމުންދާކަމަށް ޔޫރަޕްގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރ، ކުއޯނީއިން ހާމަކޮށްފިއެވެ.

ކުއޯނީއާ ހަވާލާދީ ސްކައި ނިއުސްއިން ބުނެފައިވަނީ ކޯވިޑް-19އާ ގުޅިގެން މިއަހަރުތެރޭ ދަތުރުތައް ކުރުމަށް އިނގިރޭސިވިލާތުގެ ފަތުރުވެރިން ފަސްޖެހޭކަމަށާއި އަންނަ އަހަރު ޗުއްޓީއަށް އަގުބޮޑު މަންޒިލަކަށް ދިޔުމަށް ފައިސާ ފަހަށް ރައްކާކުރަމުންދާ ކަމަށެވެ.

ކުއޯނީއިން މައުލޫމާތުދޭގޮތުގައި އެކުންފުނި މެދުވެރިކޮށް އަންނަ އަހަރަށް ހަދާފައިވާ ބުކިންސްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ރާއްޖެއަށް އައުމަށް ފަތުރުވެރިން ހަދާފައިވާ ބުކިންސްއެވެ. އެގޮތުން އަންނަ އަހަރަށް ހަދާފައިވާ ބުކިންސްތަކުގެ 56 އިންސައްތަ އަކީ ރާއްޖެއަށް އައުމަށް ފަތުރުވެރިން ހަދާފައިވާ ބުކިންސްކަން ކުއޯނީއިން ފާހަގަކުރެއެވެ.

ކުއޯނީގެ ކަސްޓަމަރުންގެ މެދުގައި އަބަދުވެސް އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެހެންނަމަވެސް މިހާރު އެހެން މަންޒިލަތަކަށްވުރެ ރާއްޖެއަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ކުއޯނީއިން ހާމަކުރެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް 5 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެގޮތުން މިދިޔަ އަހަރު އެޤައުމުން ރާއްޖެއަށް 11977 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 11 އިންސައްތަ އިތުރު އަދަދެކެވެ.