ޚަބަރު

މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފި


މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ދެ އަހަރާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގދ.ވާދޫ / ދިއްގާގަސްދޮށުގެ، ތަހުސީނު އަޙްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް ކުރީ އޭނާގެ މައްޗަށް ދައުލަތުން ކުރި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވުމާ ގުޅިގެންނެވެ.

އެ ދައުވާގައި ބުނެފައިވަނީ ތަޙްސީނު އަޙްމަދު 7 އޭޕްރީލް 2017 ވަނަ ދުވަހު -/6395ރ (ހަހާސް ތިންސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ މޯބައިލް ފޯން ވަގަށްނަގާފައިވާކަމަށެވެ. އޭނާ ދައުވާއަށް އިންކާރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ޤަރީނާތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި (އ) ގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.