ޚަބަރު

108 ފުޅި ބަނގުރަލާއެކު 2 މީހަކު ހައްޔަރުކޮށްފި


މާލެއިން 108 ފުޅި ބަނގުރާ އަތުލައިގަނެ، ފުލުހުން
އެކަމާގުޅުންހުރި 2 މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާ ތަކެއްޗާ ބަނގުރާ އަތުލައި
ގަތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން
ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހަވީރު ހިންގި ޚާޢްޞަ އޮޕަރޭޝަނެއްގައި އެތަކެތި
އަތުލައިގެންފައިވަނީ އެތަކެތި މާލެ ގެނެސް ޕިކަޕަކަށް އަރުވައިގެން މާވެޔޮ މަގުން
ދަތުރު ކޮށްފައި ދަނިކޮށް ހަވީރު 17:15 ހާއިރުކަމަށް ފުލުހުންބުނެއެވެ.

ފުލުހުން މިއަދު ހިންގި އެ އޮޕަރޭޝަންގައި
ބަނގުރާ ފުޅިތައް އަތުލައިގަތް އިރު އެތަކެތި ހުރީ ފޮށިގަނޑު ތަކަކާއި،
ކޫލަރެއްގައި ބަންދު ކޮށްފައިކަމަށާއި، މިއަދު އަތުލައިގަތް ރާފުޅި ތަކުގެ
ތެރޭގައި ހިމެނެނީ މުޅިންވެސް ކިންގް ރޮބަޓް ބްރޭންޑުގެ ރާފުޅިކަމަށް ފުލުހުން
ބުނެއެވެ. 

ފުލުހުން ބުނީ، މިމައްސަލައާއި ގުޅިގެން ހައްޔަރު
ކޮށްފައިވަނީ ޢުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެކަމަށާއި،
މީގެ ތެރެއިން 18 އަހަރުގެ ފިރިހެން މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތި
ގެންގުޅެ ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއްކަމަށެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް
އެސަރވިސުން މައުލޫމާތުދޭއެވެ.