ޚަބަރު

ޕާކިސްތާނު އަލުން ފުރަބަންދުކުރަން ޑަބްލިއުއެޗުއޯއިން އިލްތިމާސްކޮށްފި


ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ކޮންމެ ދެ ހަފުތާއަކުން އެއް ހަފުތާގައި ފުރަބަންދު ޤާއިމުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން އިލްތިމާސްކޮށްފިއެވެ.

ޕާކިސްތާނުގައި 113،702 މީހުންނަށް ކޯވިޑް-19 ޖެހި 2،255 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 4،646 މީހުންނަށް ބަލި ޖެހި، ރެކޯޑު ޢަދަދެއްކަމަށްވާ 105 މީހުންވަނީ މަރުވެފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޕާކިސްތާނުގައި އިޢުލާނުކުރި ފުރަބަންދުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއްވަމުންދާކަމަށް ބުނެ އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުވަނީ މެއި 9ގައި އުވާލާފައެވެ. ސަރުކާރުން އިޢުލާނުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުރަބަންދު އުވާލުމުގެ ކުރިން ކޮންމެ ދިހަ މީހަކުން އެކަކަށް ކޯވިޑް-19ގެ އަސަރުކުރިނަމަވެސް ފުރަބަންދު އުވާލުމުން ބަލި ޖެހޭ މީހުންގެ ނިސްބަތްވަނީ ކޮންމެ ފަސް މީހަކުން އެކަކަށް އިތުރުވެފައެވެ.

ޑަބްލިއުއެޗުއޯއިން ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސާއި ސިންދު ޕްރޮވިންސަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ދެ ސަރަޙައްދުގައި ކޯވިޑް-19 ފެތުރޭ މިންވަރު އެދެވޭ މިންވަރަކަށް ދަށްކުރެވިފައިނުވާކަމަށާއި ޞިއްޙީ ނިޒާމު އެއްކޮށް ހަލާކުވިޔަނުދިނުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އަދި ކޮންމެ ދެ ހަފުތާއަކުން އެއް ހަފުތާގައި ފުރަބަންދު ރުޖޫޢަކުރުމަށް ބާރުއަޅާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. ފުރަބަންދު އުވާލުމުގައި ބަލަންޖެހޭ 6 ޝަރުތުގެ ތެރެއިން އެއްވެސް ޝަރުތެއް ޕާކިސްތާނުގައި ފުރިހަމަ ނުވާކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ދުވާލަކު 50،000އަށްވުރެ ގިނަ ތަހުލީލުކުރުން ވަރަށް މުހިންމުކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. 207 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި ދުވާލެއްގެ މައްޗަށް ކުރަނީ ގިނަވެގެން 24،000 ތަހުލީލެވެ.

ޕަންޖާބާއި ސިންދު ޕްރޮވިންސުން ބުނީ ޑަބްލިއުއެޗުއޯގެ ކަންބޮޑުވުންތައް ބަލައިގަންނަކަމަށާއި ސަރަޙައްދީ ވަޒީރުންނާއެކު އެ ޖަމްޢިއްޔާގެ ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށެވެ.