ޚަބަރު

މާސްކު އެޅުން ސްޕެއިނުގައި މަޖުބޫރު


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސްޕެއިނުގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައިނަމަވެސް ބައްޔާ ދެކޮޅަށް ވެކްސިނެއް އުފެއްދެންދެން މާސްކު ބޭނުންކުރުން މަޖބޫރުކުރުވަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ. އެ ޤައުމުގައި 289،046 މީހުންނަށް ބަލި ޖެހި، 27،136 މީހުންވަނީ މަރުވެފައެވެ. ބަލި ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ކުއްލި ނުރައްކަލުގެ ޙާލަތުވަނީ އެ ޤައުމުގައި އިޢުލާނުކޮށްފައެވެ.

ޢާންމު ތަންތަނުގައި ގައިދުރުކަން ޔަޤީން ނުކުރެވޭނަމަ 6 އަހަރުން މަތީގެ މީހުން މާސްކު ބޭނުންކުރަން ސްޕެއިނުގެ ސަރުކާރުން މީގެ 3 ހަފުތާކުރިންވަނީ އަންގާފައެވެ. ސްޕއިންގެ ޞިއްޙަތާ ބެހޭ ވަޒީރު ސަލްވަޑޯ އިއްޔަ ވިދާޅުވީ ޖޫން 21ގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޢާންމު ތަންތަނުގައި އެހެން މީހުންނާ 1.5 މީޓަރުގެ ދުރު މިނެއް ނުބެހެއްޓޭނަމަ މާސްކު އަޅަން ޢާންމުންނަށް ޤާނޫނީގޮތުން ލާޒިމުވާނެކަމަށެވެ. އަދި ޤައުމުން ބަލިމަޑުކަން ނައްތާލެވެންދެން ނުވަތަ ބައްޔަށް ފަރުވާއެއްހޯދެންދެން ނުވަތަ ވެކްސިނެއް އުފެއްދެންދެން އެ ނިންމުން ބަދަލުނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.