ޚަބަރު

ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކުރާނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ: ޝަތައްޔާ


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ އެކަމުގެ ނުރަނގަޅު ނަތީޖާއާ އެ ޤައުމުން ކުރިމަތިލާންޖެހޭނެކަމަށް ޕަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު ޝަތައްޔާ ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ އިސްރާއީލަށް ފައިދާވާގޮތަށް ޞުލްޙައިގެ މަޝްރޫޢެއް އިޢުލާނުކުރައްވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވާފައެވެ. އެ މަޝްރޫޢުގެ ދަށުން 1949ވަނަ އަހަރާއި 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ހުރިހާ ބިމަކާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަރަށް ބޮޑު ބައެއް ލިބެނީ އިސްރާއީލަށެވެ. ފަލަސްޠީނުގެ އަމިއްލަ މިނިވަން ދަޢުލަތެއް އުފެއްދުމަށް ނިންމަވާފައިވަނީ އެކި ސަރަޙައްދުތަކަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅެއްގައެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައެޅުމާ ގުޅޭގޮތުން ޖުލައި މަހުގެ 1ވަނަ ދުވަހު ވަޒީރުންގެ މަޖިލީހާއެކު މަޝްވަރާތައް ފައްޓަވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ ވިދާޅުވެފައެވެ.

ބޭރުގެ ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ބޮޑުވަޒީރު ޝަތައްޔާ ވިދާޅުވީ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ އެ ޤައުމާއެކު ސުލްޙަ ޤާއިމްކުރުމުގެ ހުރިހާ ދޮރެއް ބަންދުވާނެކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލުން އެގޮތަށް ނިންމައިފިނަމަ އެ ޤައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިކުރަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ ބައެއް ޤައުމުތަކުން ވިސްނަމުންދާކަމަށާއި އެ ޤައުމާއެކު ވެފައިވާ އެއްބަސްވުންތައް ހުއްޓުމަކަށް ގެނައުމާމެދު މަޝްވަރާކުރަމުންދާކަމަށެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު ވިދާޅުވީ އެމެރިކާއިން ހުށަހަޅާފައިވާ ޞުލްޙައިގެ މަޝްރޫޢުއާ ދެކޮޅަށް އައު ހުށަހެޅުމެއް އެމެރިކާއަށާއި ރަޝިޔާއަށާއި އދއަށާއި ވިލާތުގެ އިއްތިޙާދަށް ފަލަސްޠީނުގެ ފަރާތުން ހުށަހަޅާފައިވާނެކަމަށެވެ.