ޚަބަރު

އިންޑިއާގެ އިތުރު 118 މީހަކު ފުރުވާލައިފި


ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އިތުރު 118 މީހަކު އެ ގައުމަށް އަނބުރާ ފޮނުވާލައިފިއެވެ.

މޯލްޑިވިއަންގެ ފްލައިޓްގައި ގެންދިޔަ މި މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ރައްޔިތުންގެ ތެރެއިން 2000 އަށްވުރެ ގިނަ މީހުން އެ ގައުމަށް އަނބުރާ މިހާރު ވަނީ ގެންގޮސްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ މީހުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުން ބަލާ އިންޑިއާގެ އަސްކަރީ މަނަވަރު ވަނީ ހަތަރު ފަހަރެއްގެ މަތިން އައިސްފައެވެ. މި މަނަވަރުގައި ވަނީ އިންޑިއާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިޔުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިތުރުން ލަންކާގައި ތިބި އިންޑިއާގެ 700 ރައްޔިތުންވެސް މި މަނަވަރުގައި ޤައުމަށް ގެންގޮސްފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންގެ އިތުރަށް ބަންގްލަދޭޝްގެ ރައްޔިތުންނާއި ޕާކިސްތާނުގެ ރައްޔިތުންވެސް އެޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި ބައެއް މީހުންވެސް ސަރުކާރުން އަންނަނީ ފޮނުވާދެމުންނެވެ.

ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.