ޚަބަރު

ފުރަބަންދަށްފަހު ދޭ ދެވަނަ ލުއިތައް މިރޭ އިއުލާންކުރަނީ


ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކުރުމަށްފަހު ބަލި ފެތުރަ ނުދިނުމަށް އެޅި ފިޔަވަޅުތަކަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޮންމެވެސް ވަރެއްގެ ލުއިތަކެއް ވަނީ ދީފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ފުރަބަންދުކޮށް ރެޑްއެލާޓަށް ގެނައުމަށްފަހު އެޅި ފިޔަވަޅުތަކަށް ލުއިދޭން ސަރުކާރުން ނިންމަވާފައިވަނީ ގިންތިތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ދިން ލުއިތަކަށް 14 ދުވަސް މާދަމާއަށް ހަމަވާއިރު ގިނަ ބަޔަކު ތިބީ ދެން ލިބިގެންދާނެ ލުއިތަކަކީ ކޮބައިތޯ ބަލަން ބޭނުންވެފައެވެ. އަދި ލުއިތައް ލިބޭނީތޯ ނުވަތަ އިތުރަށް ފިޔަވަޅުތައް ހަރުކަށިވާނީ ތޯ ކުރާ ސުވާލުގެ ޖަވާބުވެސް މިރޭ ލިބިގެންދާނެ އެވެ.

ދެވަނަ ފިޔަވަހީގައި ދޭން ސަރުކާރުން ނިންމި ލުއިތައް އިއުލާންކުރަން މިރޭ ބާއްވާ ޕްރެސްކޮންފަރެންސްގައި ބައިވެރިވަޑައިގަންނަވާނީ ހެލްތު މިނިސްޓްރީގެ ބޭފުޅުންނެވެ.

ގެއިން މީހުން ނިކުމެ އުޅުމަށް ލިބުނު ހަނި ފުރުސަތަށް ފަހު ފުރަތަމަ ދިން ލުއިތަކުގެ ތެރޭގައި އާއްމުން ޒަރޫރީ ބޭނުންތަކަށް ނިކުމެ އުޅެވޭނެ އަދަދު އިތުރުކޮށް ވަގުތުވެސް އިތުރުކުރިއެވެ. އަދި ޑެލިވަރީގެ ޚިދުމަތްތަކަށް ދޭ ފުރުސަތު ވެސް ފުޅާކުރިއެވެ.

ފުރަތަމަ ފިޔަވަހީގައި ދިން ބައެއް ލުއިތަކުގެ ތެރޭގައި ހިމެނެނީ


• ޟަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރުން
• ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށް (އެހީތެރިޔަކު ބޭނުންވާނަމަ އެ މީހަކާއެކު) ހުއްދަލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާ ދެމެދު 3 ގަޑިއިރަކަށް ގެއިން ބޭރަށް ނުކުމެއުޅުން
• މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
• މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަދިނުން އިތުރުކުރުން
• ހުއްދަ ލިބިގެން ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިޔުމާއި، އެމީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން
• މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން
• ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިޔަށް ގެންދިއުން
• ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކުތަކުން ދެވޭ ޚިދުމަތްތައް އިތުރުކުރުން
• ޞިއްޙީ ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް ދިނުން އިތުރުކުރުން

ފުރަތަމަ ފިޔަވަހީގައި ދިން ލުއިތައް ނިމި ދެ ވަނަ މަރުހަލާގެ ލުއިތައް ދިނުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާއިރު މާލޭ މަގުތަކަށް ކޮންމެވެސް ވަރަކަށް ހަލަބޮލި ކަމެއް އައިސްފައިވެއެވެ. އިތުރަށް މީހުންނަށް ފުރަސަތުދޭން ބައެއް މީހުން ބޭނުން ނުވާއިރު އަނެއް ބަޔަކު ދެކޭ ގޮތުގައި އަބަދު މިހެން ނުތިބެވޭނެކަން ދަނެގެން މިހާރު ދޫކޮށްލަން ޖެހެއެވެ. ނަމަވެސް ދޭނެ ލުއިތައް ބިނާވާނީ އާއްމުންގެ ތެރޭގައި މި ބަލި ފެތުރިގެންދާނެ ގޮތުގެ ދިރާސާތަކުގެ މައްޗަށެވެ. އަދި މި ބަލި ކޮންޓްރޯލްކޮށް އާއްމުންނަށް އެންމެ ފަސޭހަވާނެ ގޮތުގެ މައްޗަށެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 1942 އަރާފައެވެ. އަދި އޭގެ ތެރެއިން 1010 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ.