ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިދިޔަ ހަފްތާތެރޭ 31 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއާއެކު މިހާތަނަށް 923.2 މިލިއަން ރުފިޔާވަނީ ކޯވިޑްގެ ކަންކަމަށް ޚަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް ކުރެވުނު ޚަރަދަކީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު %3.5 އިތުރު އަދަދެކެވެ.
މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތް ތަކަށް 612 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 142.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކޯވިޑް-19 އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޙަރަދެއް ހިނގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 450.3 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.
ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މިކަމަށްވަނީ 177.3މިލިއަން ރުފިޔާ ޚަރަދުފައެވެ.
ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކޮންމެ ޚަރަދެއް ކުރައްވަން ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ކަމަށް ބޭނުންވާ ހިލޭ އެހީ ހޯދުމާއި ލޯނު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންންވެ.