ވިޔަފާރި

އެލައިޑް އައްޑޫ އޮފީހުން އަލުން ޙިދުމަތް ދޭން ފަށައިފި


ކޯވިޑް-19އާ ގުޅިގެން 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އެލައިޑް އައްޑޫ ގޮފި ހުޅުވައިފިއެވެ.

އެލައިޑުން ބުނީ، މިވަގުތު އެކުންފުނީގެ ޙިދުމަތް ދެމުން އަންނަ ހަމައެކަނި ރީޖަނަލް އޮފީހަކީ އައްޑޫގައި ހުރި އޮފީސް ކަމަށާއި، ކޯވިޑް-19އާ ގުޅިގެން މާރިޗު 19ގައި އޮފީސް ބަނދުކޮށް، އެކުންފުނީގެ އޮފީސްތަކުގެ ޙިދުމަތް މެދުކެނޑިގެން ދިޔަ ކަމަށެވެ. ނަމަވެސް މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން އައްޑޫ އޮފީހުގެ ޙިދުމަތް އަލުން ފަށާފައިވާކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން މައުލޫމާތު ދިން ގޮތުގައި، މެދުކެނޑުމަކަށްފަހު އޮފީސް ހުޅުވި ނަމަވެސް ޙިދުމަތް ހޯދާ ފަރާތްތަކުން، ހިދުމަތް ހޯދުމަށް ވަޑައިގަންނަވާއިރު ގައިދުރުކަން ދަމަހައްޓާ، މާސްކް އެޅުމާއި ސެނިޓައިޒާ ފަދަ ތަކެތި ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެލައިޑު އައްޑޫ އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން ފެށިގެން މެނދުރު ފަހު 2:00އާ ހަމައަކަމަށް އެކުފުނިން ބުނެއެވެ.

އެލައިޑު އައްޑޫ އޮފީހަކީ މާލެއިން ބޭރުގައި ހުޅުވި އެކުންފުނީގެ ފުރަތަމަ އޮފީހެވެ. އައްޑޫގައި އެލައިޑުން ޙިދުމަތް ދޭން ފަށާފައިވަނީ 2008 ވަނަ އަހަރު އޮގަސްޓު މަހުއެވެ. މީގެ އިތުރުން ކުންފުނީގެ ގިނަ ޙިދުމަތްތަކެއް އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށްވެސް ލިބެއެވެ.