ޚަބަރު

ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ


ބުރުންޑީގެ ރައީސް ޕިއާރ އެންކުރުންޒިޒާ ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

ބުރުންޑީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ 55 އަހަރުގެ އެންކުރުންޒިޒާ އަވަހާރަވެފައިވާކަމަށާއި އޭނާ އަވަހާރަވީ ހިތް ހުއްޓިގެންކަމަށެވެ.

ބުރުންޑީގެ ވެރިކަމާ ރައީސް އެންކުރުންޒިޒާ ޙަވާލުވެވަޑައިގަތީ 2005 އަހަރެވެ. ރައީސްކަމުގެ މަޤާމުގައި 3 ދަޢުރު ހޭދަކުރެއްވުމަށްފަހު ދަޢުރު ހަމަވުމުން ވެރިކަމުން ފައިބާވަޑައިގަންނަވާނެކަމަށާއި އައު ދަޢުރަކަށް ކުރިމަތިނުލައްވާނެކަމަށް އޭނާވަނީ 2018ވަނަ އަހަރުގެ ތެރޭގައި އިޢުލާނުކުރައްވާފައެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިވަރިސްޓު އެންޑަޔިޝްމިޔޭ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިއޮތީ އަންނަ އޯގަސްޓު މަހުއެވެ.