ޚަބަރު

ޖުލައި މަހުގެ ނިޔަލަށް ނިއު ދިއްލީގެ ބައި މިލިއަން މީހުންނަށް ކޯވިޑް-19 ޖެހޭނެކަމަށް ބުނެފި


ޖުލައި މަސް ނިމުމުގެ ކުރިން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ބައި މިލިއަން މީހުންނަށް ކޯވިޑް-19 ޖެހޭނެކަމަށާއި އެހާ ގިނަ ޢަދަދުގެ މީހުންނަށް ފަރުވާ ދިނުމުގެ ޤާބިލިއްޔަތުކަން އެ ސިޓީގެ ހަސްފަތާލުތަކަށް ލިބިފައިނުވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މާރިޗު މަހުގެ ތެރޭގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައިވަނީ ހަރުކަށި ފުރަބަންދެއް އިޢުލާނުކޮށްފައެވެ. އެ ޤައުމުގައި 269،874 މީހުންނަށް ބަލި ޖެހި، 7،506 މީހުންވަނީ މަރުވެފައެވެ. އެ ޢަދަދުތައް ކުރިއަށްއޮތް ދުވަސްތަކުގައި އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.

އިންޑިޔާގެ ޗީފް މިނިސްޓަރުގެ ނައިބު މަނީޝް ސިސޯޑިއާ ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން ނިއު ދިއްލީގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 29،000ން 550،000އަށް އިތުރުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އެ ސިޓީގެ ހަސްފަތާލުތަކުގައި 9،000 އެނދު ހުރިކަމުގައިވީނަމަވެސް ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 500،000އަށް އިތުރުވުމުން މަދުވެގެން 80،000 އެނދު ބޭނުންވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް އިންޑިޔާގެ ސަރުކާރުން ހިންގާ ހަސްފަތާލުތަކުން އެނދު ހުސްވެ ގިނަ ޢަދަދެއްގެ މީހުންނަށް ފަރުވާ ނުދީ ފޮނުވާލަންވަނީ މަޖުބޫރުވެފައެވެ. އަމިއްލަ ޞިއްޙީ މަރުކަޒުތަކުން ނަގާ އަގުތައް ބޮޑުވުމުގެ ސަބަބުން ޢާންމުންގެ ތެރެއިން ގިނަ މީހުންނަށް އެ މިންވަރަށް ޚަރަދުކޮށްގެން ފަރުވާ ލިބިގަތުމުގެ ޤާބިލްކަމެއް ލިބިފައެއްނުވެއެވެ.

އިންޑިޔާގެ ސަރުކާރުން ތައްޔާރުކޮށްފައިވާ ފޯނު އެޕްލިކޭޝަނަކުން ދައްކާ ގޮތުގައި 20 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ނިއު ދިއްލީގެ ހަސްފަތާލުތަކުގައި ހުރީ 8،814 އެނދެވެ. އެ އެނދުތަކުގެ 50 އިންސައްތަ މިހާރުވެސްދަނީ ބަލި މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރަމުންނެވެ. އެ އެޕުގައި ލިސްޓުކޮށްފައިވާ ނިއު ދިއްލީގެ 96 ހަސްފަތާލުގެ ތެރެއިން 20 ހަސްފަތާލުގައި އެއްވެސް އެނދެއް ހުހަށް ނެތްކަމަށް ދައްކައެވެ. އެ ސިޓީގައި ލިބެންހުރި 519 ވެންޓިލޭޓަރުގެ ތެރެއިން ހުހަށް ހުރީ 260 ވެންޓިލޭޓަރުކަމަށްވެސް އެ އެޕުން ދައްކައެވެ.