ޚަބަރު

އިންޑިޔާއަށް ކޯވިޑް-19 ފޯރީ ޗައިނާއިންކަމަކަށް ނުބެލެވޭ


އިންޑިޔާއަށް ކޯވިޑް-19 ފޯރީ ވިލާތުންނާއި މެދުއިރުމަތިންނާއި އޯޝޭނިޔާއިންނާއި ދެކުނު އޭޝިޔާއިންކަމަށް ޤަބޫލުކުރެވޭކަމަށް އިންޑިޔާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އިންޑިޔަން އިންސްޓިޓިއުޓު އޮފް ސައިންސަސުން ބުނީ އިންޑިޔާއަށް ކޯވިޑް-19 ފޯރީ އެ ބަލި އެންމެ ފުރަތަމަ ފެތުރުނު ޗައިނާއިން ނޫންކަމަށާއި އިންޑިޔާގެ ރައްޔިތުން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުންކަމަށް އެ އިދާރާއިންކުރި ދިރާސާއިން ފާހަގަވެފައިވާކަމަށެވެ. ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިންޑިޔާއަށް ފޯރީ ކޮން މަސްދަރަކުންކަން ދެނެގަތުމަށް ކުރި ދިރާސާގައި އިންޑިޔާގައި ނަގާފައިވާ ކޯވިޑް-19ގެ ސާންޕަލުތަކާއި ދުނިޔޭގެ ބައެއް އެހެން ޤައުމުތަކާއި ސަރަޙައްދުތަކުން ނަގާފައިވާ ސާންޕަލުތައްވަނީ އަޅާކިޔާފައެވެ.

ދިރާސާ ކުރި އިދާރާއިން ބުނީ ތަހުލީލުކުރި 137 ސާންޕަލުގެ ތެރެއިން 129 ސާންޕަލުންވަނީ ވަކި ޤައުމުތަކަކުން ފެނިފައިވާ ކޮރޯނާވައިރަހާ އެއްގޮތް ސިފަތަކެއް ފާހަގަވެފައިކަމަށެވެ. ކްލަސްޓާ އޭއަށް ނިސްބަތްވާ ސާންޕަލުތަކުން އޯޝޭނިޔާއާއި ކުވައިތާއި ދެކުނު އޭޝިޔާގެ އެކި ޤައުމުތަކުން ނަގާފައިވާ ސާންޕަލުތަކާ އެއްގޮތް ކަންތައްތަކެއް ހުރިކަމަށާއި ކްލަސްޓާ ބީއަށް ނިސްބަތްވާ ސާންޕަލުތައް ބޮޑަށް އެއްގޮތީ ވިލާތުގެ ޤައުމުތަކުގެ ސާންޕަލުތަކާއި މެދުއިރުމައްޗާއި ދެކުނު އޭޝިޔާގެ ސާންޕަލުތަކަށްކަމަށް އެ ދިރާސާއިން ދައްކައެވެ. ތަހުލީލުކުރި ސާންޕަލުތަކުގެ ތެރެއިން ޗައިނާއާއި އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ސާންޕަލުތަކާ އެއްގޮތްކަމަށް ފާހަގަކުރެވިފައިވަނީ 8 ސާންޕަލުކަމަށް އެ އިދާރާއިން ބުނެއެވެ. އެހެންކަމުން އިންޑިޔާއަށް ބަލިމަޑުކަން ފޯރާފައިވަނީ ވިލާތުގެ ޤައުމުތަކާއި މެދުއިރުމައްޗާއި ދެކުނު އޭޝިޔާއާއި އޯޝޭނިޔާއިންކަމަށާއި އެ ބަލި ފެތުރުނީ އިންޑިޔާގެ ދަތުރުވެރިންގެ ކިބައިންކަމަށް ޤަބޫލުކުރެވޭކަމަށް އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސަސުން ބުންޏެވެ.

އިންޑިޔާގައި 269،874 މީހުންނަށް ކޯވިޑް-19 ޖެހި، 7،506 މީހުންވަނީ މަރުވެފައެވެ. ސައިންސުވެރިންވަނީ ޖުލައި މަހުގެ ނިޔަލަށް އެ ޤައުމުގައި 500،000 މީހުންނަށް ކޯވިޑް-19ގެ އަސަރުކުރާނެކަމުގެ އިންޒާރު ދީފައެވެ.