ޚަބަރު

އެލްޖީއޭގެ ބޯޑަށް 7 މެމްބަރުން ޢައްޔަންކުރައްވައިފި


ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުވާ ގޮތުގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު މިއަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފިއެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން އަލުން އައްޔަންކޮށްފައި މިވަނީ މިހާރު ތިބި ކައުންސިލިރަުންގެ މުއްދަތު އިތުރުކުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއި ފާސްކުރި ޤާނޫނުގެ ދަށުންނެވެ. އާ ކައުންސިލަރުން އައްޔަންކުރަން ދެން މިހާރު ތިބި ކައުންސިލަރުން އަމަލު ކުރަން ޖެހޭނީ އެ ޤާނޫނުގެ ދަށުންނެވެ. މިމަހުގެ ދެވަނަ ދުވަހު އެ ޤާނޫނު ފާސްކުރުމާއި އެކު އެދުވަހުން ފެށިގެން ކުރިން އޮތް އެލްޖީއޭގެ ބޯޑު ވަނީ އުވިގެންގޮސްފައެވެ. ޤާނޫނު ބުނާގޮތުން އަލަށް އެކުލަވާލި ބޯޑު އޮންނާނީ އައު ކައުންސިލަރުން އިންތިޚާބުކުރަންދެނެވެ.

އާ ބޯޑުގެ ރައީސަކަށް އައްޔަންކުރެއްވީ މިހާތަނަށްވެސް އެ މަޤާމުގައި ހުންނެވި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. އެލްޖީއޭގެ ދުވަހުން ދުވަހަށް ހިންގުމުގެ ހުރިހާކަމެއް ހަވާލުކޮށް ބޯޑު ވަގުތީ ސީއީއޯއަަކަށް ކަނޑައަޅުއްވާފައިވަނީ ފާޠިމަތު އަފްޝަން ލަޠީފްއެވެ. އަފްޝަން މިހާތަނަށް ހުންނެވީ ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ތަރުޖަމާނުގެ ގޮތުގައެވެ.

އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ 7 ބޭފުޅުން

1- (ރައީސް) އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހޯމްއެފެއާޒް / ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރ
2. އަލްފާޟިލް މުޙައްމަދު ޝިހާބު އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް / ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
3. އަލްފާޟިލް އަޙްމަދު ސަމީރު / މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް
4. އަލްފާޟިލާ ފާޠިމަތު އަފްޝަން ލަޠީފް / ޗީފް އެގްޒެކެޓިވް އޮފިސަރ
5. އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް
6. އަލްފާޟިލް އަޙްމަދު ޝަރީފް / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް
7. އަލްފާޟިލާ ފާޠިމަތު ނިޢުމާ / މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު

އައު ކައުންސިލަރުން ހުވާކުރަންދެން މި މުއްދަތުގައި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި އިމާރާތްތައް ހަ މަހަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށްދެވޭނީ އެލްޖީއޭގެ ހުއްދައާއި އެކުއެވެ. އަދި މި މުއްދަތުގައި ކައުންސިލް އޮފީހުގެ އެއްވެސް މަގާމަކަށް މީހަކު ނޭގޭނީ ވެސް އެލްޖީއޭގެ ހުއްދަ ލިބިގެންނެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު ހަމަވީ މިމަހުގެ 3 ވަނަ ދުވަހުއެވެ.