ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވި ބަންގްލަދޭޝްގެ 200 ރައްޔިތަކު މިއަދުވެސް އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.
މިއެންމެންވެސް ފޮނުވާލީ ޑާކާއަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓްގައެވެ.
ރާއްޖޭގައި އެއްވެސް ލިޔެކިއުމެއް ނެތި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 1800 ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ ފޮނުވާލާފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ވާކް ވިސާ ނެތި ޤަވައިދާ ޚިލާފަށް އެންމެ ގިނައިން އުޅެނީ ބަންގްލަދޭޝ އަށް ނިސްބަތްވާ މީހުންނެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ އިތުރުން އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ 2000 ވުރެ ގިނަ މީހުންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. އަދި ޕާކިސްތާނުގެ 40 ވުރެ ގިނަ ރައްޔިތުންވެސް ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި ބައެއް މީހުންވެސް އަންނަނީ ފޮނުވާދެމުންނެވެ. އެގޮތުން ޤަވާއިދާއި އެއްގޮތަށް އުޅުނު 300 ވުރެ ގިނަ މީހުން، އެމީހުންގެ އެދުމުގެ މަތިން ވަނީ ޤައުމަށް ފޮނުވާދީފައެވެ.
ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން އަނބުރާ ޤައުމުތަކަށް ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި ފޮނުވާލާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.