ލީބިޔާގެ ދާޚިލީ މައްސަލާގައި މިޞްރާއި ޖަރުމަނުވިލާތާއި ރަޝިޔާއާއި ތުރުކީވިލާތުން މަޝްވަރާކޮށްފިއެވެ.
ލީބިޔާގެ ސަރުކާރުންވަނީ ތުރުކީވިލާތުގެ އެހީތެރިކަމާއެކު އިދިކޮޅު ޚަލީފާ ޙަފްތާރުގެ ބާރުގެ ދަށުގައި އޮތް ގިނަ ސަރަޙައްދުތަކެއް މިނިވަންކޮށް، ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ވެރިރަށް ޠަރާބުލުސް ގެނެސްފައެވެ. އިދިކޮޅު ފައުޖުތަކަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ލީބިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި ޢަމަލުކުރާނެ އައު ގޮތެއް މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީވަނީ ހުށަހަޅުއްވާފައެވެ.
ޖަރުމަނުވިލާތުގެ ސަރުކާރުން ބުނީ ލީބިޔާގެ މައްސަލާގައި ސީސީއާއެކު ޖަރުމަނުވިލާތުގެ ޗާންސެލަރު އެންގެލާ މާކަލް މަޝްވަރާކުރައްވާފައިވާކަމަށާއި ޞުލްޙަ ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމީ އދ މެދުވެރިކޮށް ކުރާ މަޝްވަރާތައްކަމަށް ޗާންސެލަރު މާކަލް ފާހަގަކުރައްވާފައިވާކަމަށެވެ.
ޖަރުމަނުވިލާތުގެ ސަރުކާރުން އެހެން ބުނެފައިވަނިކޮށް ޚަލީފާ ޙަފްތާރަށް ވާގިވެރިވާ ރަޝިޔާއާއި ލީބިޔާގެ ސަރުކާރަށް ވާގިވެރިވާ ތުރުކީވިލާތުންވެސްވަނީ ލީބިޔާގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގެއި ލަވްރޮފާއި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ޗޮވުޝޮލު ކުރެއްވި މަޝްވަރާގައި ޞުލްޙަ ޤާއިމުކުރުމުގެ ޝަރުތުތައް އެކުލަވާލުމުގައި ދެ ޤައުމުންވެސް އެކުގައި މަސައްކަތްކުރަން ޖެހޭނެކަމަށް އެއްބަސްވެވަޑައިގެންފައިވާކަމަށް ރަޝިޔާއިން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޚަލީފާ ޙަފްތާރު މަސައްކަތްކުރަމުންދަނީ ލީބިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ޠަރާބުލުސާއި ލީބިޔާގެ ހުޅަނގު އުތުރު ސަރަޙައްދުތައް އޭނާގެ ބާރުގެ ދަށަށް ގެނައުމަށެވެ.