2019ވަނަ އަހަރުގެ އޮގަސްޓު މަހު ޗައިނާގައި ކޯވިޑް-19 ފެތުރެން ފަށާފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ހަސްފަތާލުތަކަށް ދަތުރުކޮށްފައިވާ މީހުންގެ ޢަދަދުތައް ސެޓެލައިޓު ފޮޓޯ ބޭނުންކޮށްގެން ދިރާސާކޮށް އިންޓަނެޓު ބޭނުންކޮށްގެން ޢާންމުންގެ މަޢުލޫމާތު އެއްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި ހަވަޑް މެޑިކަލް ސްކޫލުން ކުރި ދިރާސާއިން ދައްކާގޮތުގައި އޮގަސްޓު މަހުން ފެށިގެން އެންމެ ފުރަތަމަ ބަލި ފެތުރުނު ޗައިނާގެ ވުހާން ސިޓީގެ ހަސްފަތާލުތަކުން ގިނަ ޢަދަދެއްގެ މީހުންވަނީ ފަރުވާ ހޯދައިފައެވެ. އަދި ކެއްސުމާއި ބޭރަށް ހިނގުންފަދަ ޢަލާމާތްތަކާ ގުޅޭގޮތުން ގިނަ ޢަދަދެއްގެ މީހުންވަނީ އިންޓަނެޓު މެދުވެރިކޮށް މަޢުލޫމާތު ހޯދާފައެވެ.
އެ ދިރާސާގައި ބުނީ އެ ބަދަލުތަކަކީ ސީދާ ކޯވިޑް-19އާ ގުޅުންހުރި ބަދަލެއްކަން ޔަޤީންކޮށްނުދެވޭނެކަމަށާއި ހުނާނު ސީފުޑު މާކެޓުން ބަލި ފެނުމުގެ ކުރިން ޗައިނާގައި ބަލި ފެތުރެން ފަށާފައިވާކަމަށް ބުނާ ދިރާސާތަކަށް ބާރު ލިބޭކަމަށެވެ.
7 މިލިއަނަށްވުރެ ގިނަ މީހުންނަށް، ކޯވިޑް-19 ޖެހި، 400،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނީ ބަލިފެތުރުން ހުއްޓެން ގާތްނުވާކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކޮށްގެން ނުވާނެކަމަށެވެ.