ކޯވިޑް-19ގެ ސަބަބުން އެއް ދުވަހަށްވުރެ އަނެއް ދުވަހު ދުނިޔޭގެ ޙާލަތުދަނީ ގޯސްވަމުންކަމަށާއި އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ޖޫން މަހުގެ 8ވަނަ ދުވަހުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.
ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ ކޯވިޑް-19 ފެތުރެން ފެށިފަހުން 6 މަސް ދުވަސް ވެފައިވާކަމަށާއި މިއީ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ފަރުވާކުޑަކުރަންވީ ވަގުތު ނޫންކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 136،000އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާކަން ފާހަގަކުރައްވާ ޓެޑްރޮސް ވިދާޅުވީ އޭގެ ތެރެއިން 75 އިންސައްތަ މީހުން ފެނިފައިވަނީ އެމެރިކާ ސަރަޙައްދާއި ދެކުނު އޭޝިޔާއަށް ނިސްބަތްވާ 10 ޤައުމުންކަމަށެވެ.
ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާބެހޭ މާހިރު ޑރ. މައިކް ރަޔަން ވިދާޅުވީ މިއީ ބަލި ފެތުރެން ފެށުމުން އަޅާފައިވާ ފިޔަވަޅުތައް ތަހުޤީގުކުރަންވީ ވަގުތު ނޫންކަމަށާއި މި ވަގުތު އިސްކަން ދޭންވީ ދެވަނަ ފަހަރަށް ބަލި ފެތުރުނަނުދިނުމަށްކަމަށެވެ. އޭނާ ވިދާޅުވީ މެދުތެރޭ އެމެރިކާގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރުދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންކަމަށާއި އެ ސަރަޙައްދުގައި ބަލި ފެތުރެނީ ވަރަށް ނުރައްކާތެރި އަދި އުނދަގޫ ގޮތަކަށްކަމަށެވެ. އެހެންކަމުން ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އެ ޤައުމުތަކުގެ ސަރުކާރުތަކުގެ އިސްނެގުން އިތުރުކުރަންޖެހޭކަމަށާއި އެ ސަރަޙައްދަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑަބްލިއުއެޗުއޯއިން ބުނީ ދެކުނު އެމެރިކާގައި ބަލިފެތުރޭ މިންވަރު ދަށްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި ކޯވިޑް-19ގެ ނުރައްކާ އަދިވެސް ވަރަށް ބޮޑުކަމަށެވެ.