ޚަބަރު

100 ދުވަހަށްފަހު ނިއު ޔޯކު ސިޓީ އަލުން ހުޅުވައިފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ގިނަ ދުވަސްތަކެއްވަންދެން ބަންދުކޮށްފައިއޮތުމަށްފަހު އެމެރިކާގެ ނިއު ޔޯކު ސިޓީ އަލުން ހުޅުވައިފިއެވެ.

އެމެރިކާގެ އެންމެ އާބާދީ ބޮޑު ސިޓީން ކޯވިޑް-19 ފެނިފައިވަނީ މީގެ 100 ދުވަސް ކުރިންނެވެ. އޭގެ ފަހުން ކޯވިޑް-19 ޖެހިގެން އެ ސިޓީގައި 22،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ނިއު ޔޯކު ސިޓީގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވީ އެމެރިކާގެ ސިޓީތަކުގެ ތެރެއިން އެންމެ ބޮޑަށް ކޯވިޑް-19 ފެތުރުނީ ނިއު ޔޯކުގައިކަމަށާއި ފިޔަވަޅުތައް ލުއިކުރުމުގެ މަރުޙަލާއަށް ފޯރުމަށް އެންމެ އުނގަދޫވާނީ އެ ސިޓީއަށްކަމަށެވެ. ނަމަވެސް އެ ސިޓީގައި ބަލި ފެތުރޭ މިންވަރު 3 އިންސައްތައަށް ދަށްކުރެވިފައިވާކަމަށާއި އެއީ ސިޓީ ހުޅުވުމުގެ ޙުއްދަ ދިނުމަށް އަމާޒުކުރި 15 އިންސައްތައަށްވުރެ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ވިދާޅުވިއެވެ. ސިޓީ އަލުން ހުޅުވާލުމުން 400،000އަށްވުރެ ގިނަ މީހުންވަނީ އަލުން މަސައްކަތަށް ނުކުމެފައެވެ. ޑި ބްލާސިއޯވަނީ މާސްކުއެޅުމަށާއި ގައިދުރުކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ހިތްވަރުދީފައެވެ.

ނިއު ޔޯކު ސްޓޭޓުގެ ގަވަރުނަރު އެންޑްރޯ ކޮމޯ ވިދާޅުވީ އެ ސްޓޭޓުގެ އެހެން ސިޓީތައް ހުޅުވުމުގައި ޢަމަލުކޮށްފައިވާ ގޮތައި އެއްގޮތަށް ނިއު ޔޯކު ސިޓީ ހުވުމުގައި ޢަމަލުކޮށްފިނަމަ ބަލި ފެތުރޭ މިންވަރު އިތުރުވާނެކަމަށް ނުބެލެވޭކަމަށެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރެސްޓޯރަންޓުތަކުގައި މީހުން ތިބުން މަނާކުރުމާއި ފިހާރަތަކުގެ ބޭރުގައި ވިޔަފާރިކުރަން ޙުއްދަ ދިނުން ހިމެނެއެވެ.

މިނިއެޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރުމުގެ ތެރޭގައި މަރުވުމުން އެކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކަށް އަލިއަޅުވާލައި ގަވަރުނަރު ކޮމޯ ވިދާޅުވީ މާސްކު ބޭނުންކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި އެތައް ހާސް ބަޔަކު ނިއު ޔޯކުގައިވެސް މުޒާހަރާކޮށްފައިވާކަމަށެވެ. އޭގެ ސަބަބުން ބަލި އިތުރަށް ފެތުރޭތޯ ބަލަމުންދާކަމަށާއި ބަލި ފެތުރޭ މިންވަރު އިތުރުވާނަމަ ދީފައިވާ ލުއިތައް އަލުން ހަރުކަށިކުރުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.