ޚަބަރު

ޓެލިކިލާސްތަކުގައި ބަހުގެ މައްސަލަތައް އެކަން ރަނގަޅުކުރަނީ


ޓެލިކިލާސްތައް ކުރިއަށް ގެންދާއިރު ބެލެނިވެރިންގެ ފަރާތުން އަންނަ ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ވިދާޅުވީ ކްލާސްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާ މިހާލަތުގައި ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ނަގާ ދެމުންދަނީ ޓެލިކިލާސްތައް މެދުވެެރިކޮށެވެ. މިކިލާސްތައް ނަގާދެމުންދާއިރު މީގެ ތެރެއިން ބައެއް ސެޝަންތަކުގައި ބަސްބޭނުންކުރާ ގޮތާ ގުޅިގެން ބައެއް ފަރާތްތަކުންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޓެލިކިލާހުގެ ސެޝަނެއްގައި ދިވެހި ބަހުގެ ލަފްޒެއް ނުބައިކޮށް ބޭނުންކުރުމާ ގުޅިގެންނާއި ވަކިރަށެއްގައި ބޭނުންކުރާ ބަހުރުވައެއް ކިޔަވާދިނުމުގައި ބޭނުންކޮށްފައިވާތީ ސޯޝަލް މީޑިއާގައި އަންނަނީ އެކަމަށް ފާޑުކިއަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ މިކަންކަން އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިކަމަށާއި މިފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް މިހާރު އިތުރަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޓެލިކިލާސްތައް ރިކޯޑުކުރަނީ ރާއްޖޭގެ އެކި ސްކޫލްތަކުންކަމަށާއި ރިކޯޑުކުރުމަށްފަހު 3 މަރުޙަލާއެއްގައި ކުލާހުގެ ވީޑިއޯތަކުގެ ކުށް ހުރިތޯ ބެލުމަށް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން ރިކޯޑުކުރާ ސްކޫލުގައިވެސް ވީޑިއޯ ބެލުމަށް ވަކި މީހަކު ހުންނަކަމަށާއި އެސްކޫލްގެ މަސައްކަތްތައް ކޯޑިނޭޓުކުރާ އިތުރު ސްކޫލަކުންވެސް ރިކޯޑިން ބެލުމަށްފަހު މިނިސްޓްރީއާ ހަމައަށް އައުމުން މިނިސްޓްރީގެ ފަރާތުންވެސް ވީޑިއޯ ބަލާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ ޓެލިކިލާސްތައް ފެށިގެން މިހާތަނަށް މިފަދަ މައްސަލައެއް ފެންމަތި ނުވަނީ އެކަމުގައި ބަޔަކު މަސައްކަތްތަކެއް ކުރަމުން އަންނާތީކަމަށެވެ. އަދި މިދަނޑިވަޅުގައި އަމިއްލަ ގޭގައި މިކުލާސްތައް ކުރިއަށް ގެންދިޔުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ޓީޗަރުންނަށް ކުރިމަތިވަމުންދާކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަނގަޅުކުރަންޖެހޭކަންކަން ފާހަގަވުމަކީ ރަނގަޅުކުރަން ލިބޭ ފުރުސަތެއްކަމަށް ޤަބޫލުކުރައްވާކަމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ޢިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސްކޫލްތައް ބަންދުކުރުމާ ގުޅިގެން ފެށި ޓެލިކިލާސްތައް ލޮކްޑައުންއާ ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ މޭއި މަހުގެ 25 ވަނަ ދުވަހުއެވެ.