ޚަބަރު

ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާ ކުރުމުގެ މުއްދަތު ފަސްކޮށްދީފި


ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާ ކުރުމުގެ މުއްދަތު ފަސްކޮށްދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަން ލިޖޮންގްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހު ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކަށް އެހީވާން "ޖީ 20" އިން ފަށާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދިނުމުގެ މަސައްކަތުގައި، ޗައިނާއިން ލުއި ދޭ 77 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. އެހެންނަމަވެސް ލޯނުތައް ދެއްކުން ސަސްޕެންޑްކުރުމާ ގުޅޭ ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ ބޮޑެތި މަޝްރޫއުތަކަށް މީގެ ކުރިންވެސް ވަނީ ޗައިނާއިން ލޯނު ނަގާފައެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތައް ނުވަތަ ޖީ20 ޤައުމުތަކުން ލޯނު ދޫކޮށްފައިވާ 77 ޤައުމަކުން ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފައިވާކަން މީގެ ކުރިންވެސް ވަނީ ހާމަކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުން މިގޮތަށް ނިންމާފައިވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތާ ގުޅިގެން ފަޤީރު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ސިއްހީ، އިޖްތިމާއީ އަދި އިޤްތިސާދީގޮތުން ކުރިމަތިމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުންނެވެ.

ޚަބަރުތައް ބުނާގޮތުން ޖީ-20ގެ ޤައުމުތަކުން ފަސްކޮށްދީފައިވަނީ އެކި ޤައުމުތަކުން މިއަހަރުގެ ނިޔަލަށް ދައްކަންޖެހޭ ލޯނުތަކެވެ. އަދި ޖީ-20ގެ ގައުމުތަކުން ދިން ލުޔާއެކު 12 ބިލިއަނާއި 14 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ލޯނު ފަސްވެގެންދާކަމަށް ޚަބަރުތައް ބުނެއެވެ.
ޖީ-20ގައި ހިމެނެނީ އިޤްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 19 ޤައުމާއި ޔޫރަޕިއަން ޔޫނިއަންއެވެ.

ޗައިނާއިން ނަގާފައިވާ ދަރިނަތައް އަދާކުރުމުގެ މުއްދަތު ފަސްކޮށްދީފައިވާއިރު ކޯވިޑް-19 އާ ގުޅިގެން މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ދަރަނި 12 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ދަޢުލަތުގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 54.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މީގެ ތެރެއިން 22 ބިލިޔަން ރުފިޔާއަކީ ބޭރުގެ ދަރިނި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތައް ދައްކާގޮތުން 2019 ވަނަ އަހަރު ނިމުނުއިރު ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު އުޅެނީ 12.7 ބިލިއަން ރުފިޔާގައެވެ. މީގެތެރެއިން 11.8 ބިލިއަން ރުފިޔާއަކީ ބޭރުގެ ލޯނެވެ. އަދި 966 މިލިއަން ރުފިޔާއަކީ އެތެރޭގެ ލޯނުތަކެވެ.

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމްލައަކީ 67 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭރުގެ 33.8 ބިލިއަން ރުފިޔާގެ ލޯނާއި އެތެރޭގެ 33.1 ބިލިއަން ރުފިޔާގެ ލޯނެވެ.