ޚަބަރު

15 ރަށެއްގައި އަޅާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި


15 ރަށެއްގެ ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ރަށްރަށުގައި ގާއިމްކުރަން ނިންމާފައިވާ ކުޑަކުދިންގެ ޕާކުތަކުގެ ތެރެއިން 15 ޕާކް ތަރައްޤީ ކުރުމަށް ބޭނުންވާ ސާމާނު ގެނެސްފައިވާ ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފު ކުރެއްވި ޓުވީޓްގައި ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން މިފަހަރު މިނިސްޓްރީން ޕާކު އަޅާ ސާމާނު ގެނައީ ފ.މަގޫދޫ އާއި ދަރަނބޫދޫއާއި އެއަތޮޅު ފީއަލިއަށެވެ. އަދި އދ.އޮމަދޫ އާއި ދަނގެއްޗާއި ދިގުރަށުގައި އަޅާ ޕާކްތަކަށް ބޭނުންވާ ސާމާނުވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

މީގެ އިތުރުން ކ،ދިއްފުށްޓާއި ކާށިދޫއާއި މ.ދިއްގަރުގައިވެސް ޕާކް އެޅުމަށް ބޭނުންވާ ސާމާނުވެސް ވަނީ ގެނެސްފައެވެ. ޔޫތު މިނިސްޓަރ ވިދާޅުވީ މިރަށްތަކުގެ އިތުރަށް ހއ.ކެލާ، ގދ.ނަޑެއްލާ، ނ.މާފަރު، ލ.ފޮނަދޫ، ރ.މަޑުއްވަރި އަދި އއ.ހިމަންދޫގައި އެޅުމަށް ނިންމާފައިވާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނުވެސް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

މި ރަށްރަށުގައި ޕާކް އެޅުމަށް ބޭނުންވާ ސާމާނުތައް މިހާރު މާލެ ގެނެސް ގަލޮޅު ދަނޑުގައި ބަހައްޓާފައިވާއިރު ވީހާވެސް އަވަހަކަށް އެ ސާމާނުތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.

މުޖުތަމަޢު ބާރުވެރިކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމްލަ 50 ރަށެއްގައި ކުޑަކުދިންގެ ޕާކް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މާލެއަށް ގެނެސްފައިވާއިރު މިނިސްޓްރީން އަންނަނީ މިހާރު އެސާމާނުތައް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރަމުންނެވެ. މިހާތަނަށް ވަނީ 15 ރަށަކަށް ޕާކް ސެޓް ދޫކޮށްފައެވެ.