ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ވިލާތުގެ ޤައުމުތަކުގައި އިޢުލާނުކުރި ހަރުކަށި ފުރަބަންދުގެ އުޞޫލުތަކުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، 3 މިލިއަނަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރެވިފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ފުރަބަންދުގެ ސަބަބުން 11 ޤައުމުގެ ޙާލަތަށް އައިސްފައިވާ ބަދަލުތައް ދިރާސާކުރި އިމްޕީރިއަލް ކޮލެޖް އޮފް ލަންޑަނުން ބުނީ މާރިޗު މަހުގެ ތެރޭގައި އެ ޤައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުތަކުގެ ޙާލަތަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށާއި މެއި މަހުގެ ކުރީކޮޅު ބަލިފެތުރޭ މިންވަރު 1އަށްވުރެ ދަށްކުރެވިފައިވާކަމަށެވެ. ބަލީގެ އަސަރުކޮށްފައިވާ މީހެއްގެ ކިބައިން ބަލި ޖެހެނީ ކިތައް މީހުންނައްކަން ބަލިފެތުރޭ މިންވަރުން ބުނެދެއެވެ. ކޯވިޑް-19 ޖެހިފައިވާ މީހެއްގެ ފަރާތުން އެކަކަށްވުރެ ގިނަ މީހުންނަށް ބަލީގެ އަސަރުކުރާނަމަ މުޖުތަމަޢުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިކަމަށް ބަލައެވެ.
އިމްޕީރިއަލް ކޮލެޖުންބުނީ ހަރުކަށި ފުރަބަންދުގެ އުޞޫލުތަކެއް އިޢުލާންނުކުރިނަމަ މެއި މަހާ ހަމައަށް އޮސްޓްރިޔާއާއި ބެލްޖިއަމާއި އިނގިރޭސިވިލާތާއި ޑެންމާކާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ނޯވޭއާއި ސްޕެއިނާއި ސްވީޑަނާއި ސްވިޒަލެންޑުގައި 12 މިލިޔަނާއި 15 މިލިޔަނާ ދެމެދުގެ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހުން އެކަށީގެންވާކަމަށެވެ. ފުރަބަންދުގެ ފިޔަވަޅުތައް ނާޅައި ދޫކޮށްލިނަމަ ބަލީގައި މަރުވާނެކަމަށް އަންދާޒާކުރި މީހުންގެ ޢަދަދަކީ ބަލި ޖެހިގެން މަރުވި މީހުންގެ ޢަދަދަށްވުރެ 3.1 މިލިއަން މީހުން ދަށް ޢަދަދެކެވެ. އެހެންކަމުން، 3 މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރެވިފައިވާކަމަށް އެ ދިރާސާއިން ދައްކައެވެ.
ދިރާސާކުރި ފަރާތުން ބުނީ ފުރަބަންދުގެ ސަބަބުން ގިނަ އިޤްތިޞާނީ އަދި އިޖުތިމާޢީ މައްސަލަތަކެއް ކުރިމަތިވާތީ އެ ފިޔަވަޅުތަކުގެ ސަބަބުން ކުރި ފައިދާތަކާއި ލިބުނު ހެޔޮ ބަދަލުތައް ދެނެގަތުމަކީ މުހިންމުކަމެއްކަމަށާއި އިތުރަށް ބަލި ފެތުރުނަނުދީ ހިފަހައްޓާލުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް އެހީތެރިވެދޭނެކަމަށެވެ.
މީގެ ކުރިން އެމެރިކާއިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ޗައިނާއާއި ދެކުނު ކޮރެޔާއާއި އިޓަލީވިލާތާއި ފަރަންސޭސިވިލާތާއި އީރާނާއި އެމެރިކާގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 530 މިލިއަން މީހުންގެ ފުރާނަވަނީ ސަލާމަތްކުރެވިފައެވެ. އެމެރިކާގެ ސައިންސުވެރިންވަނީ ބައްޔާ ދެކޮޅަށް ސިޓީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ބަލި ފެތުރެމުންދިޔަ މިންވަރާ އޭގެ ފަހުން ބަލި ފެތުރުނު މިންވަރާ އަޅާކިޔާފައެވެ. އެ ދިރާސާގެ ނަތީޖާއިން ދައްގޮތުގައި ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް ފިޔަވަޅު ނޭޅުމުން އީރާނުގައި ބަލި ފެތުރޭ މިންވަރުވަނީ 68 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް ބަލިފެތުރިފައިވާ މިންވަރު އެހެން ޤައުމުތަކުގައި އިތުރުވެފައިވަނީ ގާތްގަނޑަކަށް 38 އިންސައްތައަށެވެ. އެހެންކަމުން ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޢާންމުންގެ ޞިއްޙީ ޙާލަތު ރައްކާތެރިކުރުމުގައި ކާމިޔާބުވެފައިވާކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.