ޚަބަރު

ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ބައިނަލްއަގްވާމީ އޮނިގަނޑެއް އެކުލަވާލުމަށް ފޮރިން މިނިސްޓަރ ގޮވާލައްވައިފި


ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް މަސައްކަތްކުރުމަށް އަވަސް މުސްތަގުބަލެއްގައި ކުދި ޖަޒީރާ ގައުމުތައް ގުޅިގެން އެކަށީގެންވާ ބައިނަލްއަގްވާމީ އޮނިގަނޑެއް އެކުލަވާލުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވައިލައްވިއެވެ.

މިނިސްޓަރ ޝާހިދު މިކަމަށް ގޮވައިލެއްވީ ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ.ގެ މެމްބަރު ބައެއް ޤައުމުތަކުން ގުޅިގެން އުފައްދާ ގްރޫޕް އޮފް ފްރެންޑްސްގައި ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައެވެ.

މި ގްރޫޕް އިފްތިތާޙްކޮށްދެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު އާއި، ނޯވޭގެ ބޮޑުވަޒީރު އާނަރ ސޮލްބަރގް އަދި އެންޓީގާ އެންޑް ބާބިއުޑާގެ ބްލޫ އިކޮނޮމީ މިނިސްޓަރ ޑީން ޖޯނަސްއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ދިމާކޮށް ކަނޑުތައް ޕްލާސްޓިކް ކުނީގެ ބާވަތްތަކުން ތަޣައްޔަރުވުން ހުއްޓުވުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ގްރޫޕް އިފްތިތާޙްކޮށްފައިވަނީ ކަނޑުތައް ތަޣައްޔަރުވުމުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ކުރިމަތިލުމުގެ މުހިއްމުކަން ފާހަގަކުރުމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ކަނޑުތަކަކީ ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ލެއާ ގުޅިފައިވާ ތަނެއްކަމަށެވެ. އަދި އައްސޭރިފަށްތަކުގައި ދިރިއުޅެމުންދާ މީހުންގެ ދެމެހެއްޓެނިވި ތަރައްޤީ ގުޅިފައިވަނީ ކަނޑުރޯދި އާކަން ފާހަގަކުރައްވާ، ކަނޑުތަކަށް ކުނި އެޅުމުގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވެ، އޭގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް ކުރަމުންދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް މަސައްކަތްކުރުމަށް އަވަސް މުސްތަގުބަލެއްގައި ގައުމުތައް ގުޅިގެން އެކަށީގެންވާ ބައިނަލްއަގްވާމީ އޮނިގަނޑެއް އެކުލަވާލުމަށް މިނިސްޓަރ ގޮވާލައްވަމުން މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށާއި، ރާއްޖޭގެ ކަނޑުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެވަޑައިގެންފައިވާ ވައުދު ފާހަގަކުރައްވައި، ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އުފެއްދި ގްރޫޕް އޮފް ފްރެންޑްސްގައި އިސްކޮށް މަސައްކަތްކުރަނީ ދިވެހިރާއްޖެއާއި ނޯވޭގެ އިތުރުން އެންޓީގާ އެންޑް ބާރބިއުޑާއެވެ. އދ.ގެ މެމްބަރު 46 ޤައުމުތަކުން މިހާރު ވަނީ މިގްރޫޕްގެ މެމްބަރުންނަށް ވެފައެވެ.