ޚަބަރު

ބޯޓު ފުންކުރެވޭނީ މިރޭ ދިޔަވަރު ބޮޑުވުމުން- އެފްއެސްއެމް


ވިލިމާލެ ފަރުމައްޗަށް އެރި
ތެޔޮބޯޓުގައި ފަންސާސް ފަސްހާސް ލީޓަރުގެ ތެޔޮ ހުރިކަމަށާއި، މިހާރު ތެޔޮ
ހުސްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް،
އެފްއެސްއެމްއިން ބުނެފިއެވެ. ފަރުމައްޗަށް އަރާފައިވަނީ އެފްއެސްއެމްގެ ބޯޓެކެވެ. 

ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ލޮޖިސްޓިކް ހެޑް ހަސަން ޒަރީރު
ވިދާޅުވީ، ބޯޓުގައި ހުރި ތެޔޮ ވިލިމާލޭގެ ސްޓެލްކޯއަށް ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ބޯޓު ފަރަށް އެރީ، ވިލިމާލެއަށް ތެޔޮ ހިފައިގެންގޮސް ބޯޓު ބޮއިގައި އަޅަންއުޅުމުގެ
ތެރޭގައި ބޯޓުގެ ވާ ކަނޑައިގެންގޮސް ބުރަފަތީގައި އޮޅުމުގެ ސަބަބުންކަމަށް ޒަރީރު
ވިދާޅުވިއެވެ. އަދި އެވަގުތު ނެގި ބޮޑު ރާޅެއްގައި ބޯޓު ފަރުމައްޗަށް އެރީކަމަށްވެސް
ވިދާޅުވިއެވެ. 

މިހާރު ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ނަމަވެސް
ފުންކުރެވޭނީ ބޯޓުގައި ޓަގެއް ޖަހައި، މިރޭ ދިހައެއްގެ ފަހުން ދިޔަވަރު
ބޮޑުވުމުންކަމަށް ލަފާކުރެވޭކަމަށް ޒަރީރު ވިދާޅުވިއެވެ. މިހާދިސާގައި ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށާއި، މޫދަށްވެސް ތެޔޮ ލީކުވެފައި ނުވާކަމަށް
އެކުންފުނިން މައުލޫމާތުދެއެވެ. 

އެމްއެންޑީއެފްއިންވެސް ބުނީ، ބޯޓުން ތެޔޮ
ބޭލުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތާއި ގުޅިގެން ކުރަމުން ގެންދާކަމަށެވެ. އެފްއެސްއެމްގެ
ތެޔޮބޯޓު ފަރަށް އަރާފައިވަނީ މިއަދު މެންދުގެ އެގާރަގަޑި ފަނަރަ ހާއިރުއެވެ.