ވިޔަފާރި

ސިޔާމް ވޯލްޑް ރިސޯޓް މިއަހަރު ފަހުކޮޅު ހުޅުވަނީ


ނ.އަތޮޅުގައި ތަރައްޤީކޮށްފައިވާ ސިޔާމް ވޯލްޑް ރިސޯޓު މިއަހަރު ފަހުކޮޅު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

490 އަށްވުރެ ގިނަ ކޮޓަރި ހިމެނޭ މި ރިސޯޓުވެގެން ދާނީ ރާއްޖޭގައި ހުޅުވާ އެންމެ ބޮޑު އެއް ރިސޯޓަށެވެ. 54 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކޮށްފައިވާ މި ރިސޯޓުގައި ތަފާތު އެކި ފަންތީގެ ކޮޓަރިތައް ހުރެއެވެ. އެގޮތުން އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކަށް ކަމުދާނެ ފަދަ ކޮޓަރި ތަކާއި، ހަނީމޫނަށް އަންނަ ފަތުރުވެރިންނަށްވެސް ކަމުދާނެ ކަމަށް ކޮޓަރިތައް މި ރިސޯޓުގައިވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ ރެސްޓޯރެންޓާއި ބާތަކާއި އަދި ދުނިޔޭގެ ފެންވަރުގެ ސްޕާއެއް ވެސް މި ރިސޯޓުގައި ހުންނާނެއެވެ. މި ރިސޯޓަކީ ބިމުގެ ގޮތުންވެސް ބޮޑު ރިސޯޓަކަށްވުމުން ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 12 ރެސްޓޯރެންޓެއް މި ރިސޯޓުގައި ހުރެއެވެ.

ރިސޯޓުން ލިބޭ އެހެނިހެން ޚިދުމަތްތަކަށް ބަލާއިރު ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޮޑު ސަރަޙައްދެއް ހަދާފައިވެއެވެ. އަދި މޫދު ކުޅިވަރުތަކަށް ވެސް ސްޕޯޓްސް ސެންޓަރއެއް މި ރިސޯޓުގައި ތަރައްޤީކޮށްފައިވެއެވެ.

ސަން ސިޔާމް ގްރޫޕުން މިހާރުވެސް ދަނީ ރާއްޖޭގައި ހަތަރު ރިސޯތެއް ހިންގަމުންނެވެ. އެއީ ސަން ސިޔާމް އިރުފުށި މޯލްޑިވްސް، އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް، ސަން އަކުއާ ވިލު ރީފް މޯލްޑިވްސް، ސަން އަކުއާ އިރުވެލި ރިސޯޓް އަދި މީގެއިތުރުން ލަންކާގައިވެސް އެކުންފުނިން ދަނީ ރިސޯޓެއް ހިންގަމުންނެވެ. އެއީ ސަން އަކުއާ ޕަސިކުޑާ ރިސޯޓެވެ.