ކޯވިޑް-19 ޖެހިގެން 400،000އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މިހާތަނަށް 7 މިލިއަން މީހުނަށްވަނީ ބަލިޖެހިފައެވެ. ފާއިތުވި 5 މަސް ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ ގައިންގަޔަށްއަރާ އެންމެ ނުރައްކާތެރި އެއް ބަލިކަމުގައިވާ މެލޭރިޔާ ޖެހިގެން އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދާ އެއްވަރުވެފައެވެ.
ބަލީގެ އަސަރުކޮށްފައިވާ 7 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން 30 އިންސައްތަ މީހުން ނުވަތަ 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އެމެރިކާގައެވެ. ބަލިޖެހިފައިވާ މީހުންގެ 15 އިންސައްތަ މީހުން ފެނިފައިވަނީ މެދުތެރޭ އެމެރިކާއިންނެވެ.
ކޯވިޑް-19 ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުއެވެ. އޭޕްރިލް މަހު ބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ 100،000އަށްވުރެ އިތުރުވެފައެވެ. ބަލީގައި މަރުވި މީހުންގެ ޢަދަދު 300،000ން 400،000އަށް އިތުރުވާން ނެގީ އެންމެ 24 ދުވަހެވެ.
ކޯވިޑް-19ގެ ސަބަބުން އެމެރިކާގައި 112،469 މީހުންވަނީ މަރުވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުގައެވެ. އެ ޤައުމުގައި 40،542 މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ. ނަމަވެސް 37،312 މީހުން މަރުވެފައިވާ ބްރެޒިލްގައި މަރުވާ މީހުންގެ ޢަދަދު ކުރިއަށްއޮތް ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ.
މަރުވެފައިވާ މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދަށްވުރެ އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ. ކޯވިޑް-19އަށް ތަހުލީލުކުރަން ބޭނުންވާ ވަޞީލަތްތައް ބައެއް ޤައުމުތަކުގައި އެދެވޭ މިންވަރަށް ލިބެން ނުހުރެއެވެ. އަދި ބައެއް ޤައުމުތަކުގައި ބަލީގައި މަރުވި މީހުންގެ ގޮތުގައި ބަލަނީ ހަމައެކަނި ހަސްފަތާލުގައި މަރުވާ މީހުން އެކަންޏެވެ.