ޚަބަރު

ހޮންގް ކޮންގުގެ މައްސަލައިގައި ޖީ7ގެ ތަޢުރީފު ޖަޕާނަށް


ހޮންގް ކޮންގްގައި ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް ޗައިނާއިން ތަންފީޒުކުރުމާމެދު އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރި ޤައުމުތަކުގެ ތެރޭގައި ޖަޕާނު ހިމެނޭކަމަށާއި އެ މައްސަލައާ ގުޅޭގޮތުން ޖަޕާނުން ދެކޭގޮތާމެދު ޖީ7ގެ ޤައުމުތަކުން ތައުރީފުކޮށްފައިވާކަމަށް ޖަޕާނުން ބުނެފިއެވެ.

ހޮންގް ކޮންގްގައި ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް ޗައިނާއިން ތަންފީޒުކުރުމަށް ނިންމި ނިންމުމާމެދު ނުރުހުން ފާޅުކޮށް ނެރުނު ބަޔާނެއްގައި އެމެރިކާއާއި އިނގިރޭސިވިލާތާއި އެހެން ޤައުމުތަކާއެކު ޖަޕާނުން ބައިވެރިވެފައެއް ނުވެއެވެ. ޖަޕާނުގެ އެންމެ އިސް ކެބިނެޓް ސެކެޓްރީ ޔޮޝިހިޑޭ ސުގާ ވިދާޅުވީ ޗައިނާގެ ޤާނޫނުހަދާ މަޖިލީހުން އެ ޤާނޫނު ފާސްކުރި ތާރީޚުގައި އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވާނެކަމަށާއި އެ ޤައުމުގެ ކަންބޮޑުވުންތައް ސީދާ ޗައިނާގެ ރަސްމީ ފަރާތްތަކާ ޙިއްޞާ ކޮށްފައިވާނެކަމަށެވެ. އަދި އެ މައްސަލައިގައި ޖަޕާނުން ދެކޭގޮތް ބައިނަލްއަޤްވާނީ މުޖުތަމަޢުއަށް ސާފުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޖަޕާނުން ޢަމަލުކޮށްފައިވާ ގޮތާމެދު އެމެރިކާއާއި އިނގިރޭސިވިލާތާއި އެހެން ޤައުމުތަކުން ތައުރީފުކޮށްފައިވާކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ މައްސަލައިގައި އެހެން ޤައުމުތަކާއެކު ޖަޕާނުން މަޝްވަރާކުރަމުންދާކަމަށެވެ.

މިދިޔަ އޭޕްރިލް މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ޖަޕާނަށް ކުރައްވަން ނިންމަވާފައިވާ ރަސްމީ ދަތުރުފުޅުވަނީ ކޯވިޑް-19 ފެތުރޭތީ ފަސްކޮށްފައެވެ.