ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަތޮޅު، މިހާރުގެ ގޮތުންނަމަ އައްޑޫ ސިޓީއަކީ ރާއްޖޭގެ ތާރީޚީ އެތައްކަމަކާއި ގުޅިފައިވާ ސަރަހައްދެކެވެ. ރާއްޖޭގެ މިނިވަންކަމާއި އިނގިރޭސީންގެ އަތްދަށުގައި ދިވެހިން ތިބި ޒަމާނުގެ އެތައް ހަދާންތަކާއި ބިނާތަކެވެ. އެއަށްވުރެ ކުރީގެ ނުވަތަ އެވާލާ ޒަމާނުގެވެސް ހަވިއްތަތަކާއި ވެޔޮތަކާއި މި ނޫންވެސް އެތައް ތަނަކާއި ތާރީޚީ ވާހަކަތަކެއް އައްޑޫ ސިޓީއާއި ވަނީ ގުޅިފައެވެ.
އަމިއްލަ ރަށާއި ގުޅިގައިވާ މިފަދަ ތާރީޚީ ކަންކަމަށާއި ސަޤާފަތާއި އާދަކާދަ ދިރުވާ އާލާކުރުމުގެ މަސައްކަތުގައި އެކި ދުވަސްވަރުމަތިން އެއަތޮޅަށް ނިސްބަތްވާ އެކި ބޭފުޅުން ވަނީ މަސައްކަތް ކުރައްވާފައެވެ.
އައްޑޫ ސިޓީ ހިތަދޫ ޓޯކިއޯވިލާ އިބްރާހިމް ފިރާޤް 56، އަކީ މި ފަދަ ބޭފުޅެކެވެ. އަތޮޅާއި ގުޅުންހުރި މުހިއްމު އެހާމެ އަގުހުރި މަސައްކަތެއް ކުރައްވާ ބޭފުޅެކެވެ. އެންމެ ޚާއްސަކަމަކީ ތާރީޚަށް ފިރާޤްގެ ހިތުގައިވާ ލޯތްބާއި އޮތް ގުޅުމެވެ. އުމުރުން އެންމެ 22 އަހަރުގައި ފިރާޤްވަނީ ޕޯސްޓް ކާޑާއި، ފޮޓޯ އަދި ސްޓޭމްޕް ފަދަ ތަކެތި އެއްކުރުމުގެ މަސައްކަތް ފަށާފައެވެ. އެއާއެކު އިހުގައި މީހުން ބޭނުންކުރި ބައެއް ބާވަތްތަކުގެ އާސާރީ ތަކެތި ހޯދައި އޭނާ އެއްކުރަން ފެށިއެވެ.
މިގޮތަށް އެއްކުރި ތަކެތި މީހުންނަށް ފެންނަ ގޮތަށް ބަހައްޓަން ފިރާޤް ބޭނުންވިއެވެ. އައްޑޫ ސިޓީގެ ތާރީޚު ބަލާލަން ބޭނުންވާ މީހުންނަށް އަމިއްލަ އާސާރެއް ތައްޔާރުކުރިއެވެ. ފިރާޤް މި ތަނަށް ކީ "ކޮށިދޮރަ ހައުސް" ދާރުލްއާސާރެވެ.
ފިރާޤްގެ މި މަސައްކަތުގައި އައްޑޫގެ ރަށްރަށް ނޫން އެހެން ރަށެއްގެ އެއްޗެއް އޭނާ ބޭނުންކޮށްފައިނުވެއެވެ. ފިރާޤް ބުނީ މުޅިންވެސް ހުންނާނީ އެއަތޮޅު މީހުން ބޭނުންކޮށްފައިވާ ތަކެއްޗާއި ބައެއް ތާރީޚީ ސާމާނުކަމަށެވެ. މީގެ އިތުރުން އިނގިރޭސީން އައްޑޫގައި އުޅުނުއިރުގެ ބައެއް ސާމާނު ފިރާޤްގެ އާސާރުގައި އެބަހުއްޓެވެ.
އިނގިރޭސީން އައުމާއެކު އައްޑޫގެ މީހުންގެ ދިރިއުޅުމަށް ބަދަލު އައީ އެމީހުން ގެނައި ބައެއް އިލެކްޓްރޯނިކް ސާމާނުތަކުގެ ސަބަބުންކަމަށްވާއިރު، އޭގެ ތެރެއިން މުހިއްމު ބައެއް ތަކެއްޗާއި ފޮޓޯވެސް ފިރާޤުގެ އަތުގައި ރައްކާކޮށްފައި އެބަހުއްޓެވެ. އަދި ކުރިއްސުރެ ގޭގޭގައި ބޭނުންކުރާ ލަކުޑީގެ ބައެއް ތަކެއްޗާއި، ކަންވާރުފަދަ ހިފާ ގެންގުޅޭ ގިނަ އަދަދެއްގެ ސާމާނުވެސް މިތަނުގައި އެބަހުއްޓެވެ.
ފިރާޤް ބުނީ އޭނާގެ އަތުގައިހުރި ގިނަ ދުވަސްވީ އަދި އެންމެ އަގުހުރި އެއްޗެއްކަމަށް ޤަބޫލުކުރެވެނީ، ކުރީގައި ފައިސާގެ ގޮތުގައި ބޭނުންކުރި "ސިއްކަ" ކަމަށާއި އެ ފަދަ ފައިސާ ވަރަށް ގިނައިން ރައްކާކޮށްގެން ގެންގުޅޭކަމަށެވެ.
މީގެ އިތުރުން ހަސަން ރަސްގެފާނުގެ ވެރިކަމުގައި އެއާއިލާގައި ބޭނުންކުރި ތަޚުތެއް ނުވަތަ ސޯފާއެއްވެސް ފިރާޤްގެ ކަލެކްޝަންގައި ހުރިއިރު އެއީ އެންމެ ދުވަސްވީ އެއް އާސާރެވެ. އަދި 200 އަހަރުވެފައިވާ އަށްޓަކާއި، މީހުން އަތުން ލިޔެފައިވާ އެތައް އަހަރުވީ ފޮތްތައްވެސް ފިރާޤްގެ "ކޮށިދޮރަ ހައުސް"ގައި އެބަހުއްޓެވެ.
"އެ ސިއްކައަކީ ވަރަށް ވެލިޑް އެއްޗެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ، މިހާރު ރާއްޖޭގެ މާކެޓްގައި އެއެއްޗެހި ވިއްކާ އަގުތަކަށް ބަލާއިރު، އޭގެ 300 ނުވަތަ 400 އަހަރުވެފައިވާ ފައިސާގެ އަގު 2500 ރުފިޔާއަށް އަރާ. ރާއްޖޭގެ އިހުޒަމާނުގެ ރުފިޔާ ސެޓް ވެސް ހުންނާނެ. ޕޯސްކާޑްވެސް ހުންނާނެ، ފާރޫގެ އިސްމާއީލް ނަންގަވާފައިހުރި ރާއްޖޭގައި ފުރަތަމަ ނެރުނު ޕޯސްޓްކާޑްވެސް އެބަހުރި" ފިރާގް ބުންޏެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު 1956 ގައި އިނގިރޭސީން އައްޑޫ ގަމުގައި އުޅުނުއިރު، މަތިންދާ ބޯޓުޖައްސަން އެއަރ ޓްރެފިކް ކޮންޓްރޯލްގައި ބޭނުންކުރި ރޭޑިއޯ އާއި، 1976 ގެ މާޗް މަހުގެ 31 ވަނަ ދުވަހު ގަމުން އިނގިރޭސީން ފައިބައިގެން ދިޔައިރު ބޭނުންކުރި ރޭޑިއޯ ގްރާމްވެސް ފިރާޤްގެ ކަލެކްޝަންގައި އެބަހުއްޓެވެ. އަދި އޭގައި ލަވަހޮޅި އަޅައިގެން ލަވަޖަހާ ބައިވެސް ރައްކާކޮށްގެން ފިރާޤް ގެންގުޅެއެވެ. އެއީ އެއިރު ގަމުގައި ހުރި ލިއޭޒަން އޮފިސަރ މުހައްމަދު ސަޢީދަށް އިނގިރޭސީން ދިން އެއްޗެކަމަށާއި މުޙައްމަދު ސަޢީދު ނިޔާވުމުގެ ކުރިން އޭނާއަށް ދިނީކަމަށް ފިރާޤްބުންޏެވެ. މީގެ އިތުރުން އިނގިރޭސީން ބޭނުންކުރި ބައެއް ރިންގް ފޯނުތަކާއި އެތަނުގެ ތާރީޚީ ފޮޓޯތަކާއި ލިޔެކިއުންތައްވެސް ފިރާޤްއަތުގައި މިހާރުވެސް އެބަހުއްޓެވެ.
އައްޑޫގައި އެކި ދުވަސްވަރުމަތިން އަތޮޅުވެރިކަން ކުރި އާއިލާއަކަށް ނިސްބަތްވާ ފިރާޤް އަކީ ވެރިރަށް ހިތަދޫގެ އިތުރުން ހުޅުދޫއާ އާއިލީ ގޮތުން ގުޅުހުންރި ދަރިއެކެވެ. އެގޮތުން ފިރާޤަކީ ވަރަށް ގިނަދުވަސްވީ ލިޔުންތަކާއި ފޮތާއި، ފޮޓޯވެސް ގެންގުޅުމާއެކު، މީހުން ކިޔައިދީފައިވާ ވާހަކަތަކަށް ދެނެގަނެ ތާރީޚީ ކަންކަމަށް ލޯބިކުރާ މީހެކެވެ. މިގޮތުން އައްޑޫގެ އެކި ސަރަހައްދުތަކުން ފެންނަ ދުވަސްވީ ތަކެތި އޭނާ ދެނެގަންނަނީ ލިބިފައިވާ އެފަދަ މައުލޫމާތުތަކުގެ އަލީގައެވެ.
އެންމެ ގިނައިން އެއްޗެތި ލިބިފައިހުރީ އާއިލާ މީހުންގެ ގޭގެއިން ކަމަށާއި، އެގެތަކުގައި ކުރީގައި ބޭނުންކޮށްފައިވާ ސާމާނުގެ އިތުރުން އަތޮޅު މީހުންގެ އަތުން ގަނެގެންވެސް ތަކެތި ހޯދާކަމަށް ފިރާޤް ބުނެއެވެ. މި މަސައްކަތުގައި ރައްޓެހިންގެ ފަރާތުން އެއްބާރުލުން ލިބޭކަމަށާއި މުހިއްމު އެއްޗެއް ފެނިއްޖަނަމަ ގުޅާފައިވެސް އަންގާކަމަށް ފިރާގު ބުންޏެވެ. މީގެއިތުރުން އާއިލީ މީހުންގެ އެއްބާރުލުންދީ އޭނާ ގެންގުޅޭ ތަކެއްޗާއި ކުރާ މަސައްކަތަށް ޤަދަރުކުރާކަމަށް ފިރާގު ބުންޏެވެ.
އާސާރީ ތަކެތި އެއްކޮށް މިވީ ދިގު މުއްދަތުގެ ތެރޭގައި ފިރާޤް މިކަން ފުޅާކުރަން ވިސްނުން ނުގެންގުޅޭގޯ ސުވާލު އުފެދިދާނެއެވެ. މިކަމުގައި އޭނާއަށްވަނީ ހިތި ތަޖުރިބާތަކެއް ކޮށްފައެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް ވަޒީފާ އަދާކުރަމުން ފިރާޤްކުރަމުންދިޔަ މިމަސައްކަތް ފުޅާކޮށް އޭނާ އެއްކުރި ތަކެތި އެހެން މީހުންނަށް ފެންނަގޮތަށް ކަލްޗަރަލް ސެންޓަރެއްވެސް ހުޅުވިއެވެ.
އެގޮތުން އައްޑޫގައި 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓާ ދިމާކޮށް، އޭގެ އެއް މަސްކުރިން އައްޑޫގެ ތާރީޚާއި ސަޤާފަތްދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެސެންޓަރު ހުޅުވައިދެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. 200 އެއްހާ އަހަރުކުރިން އައްޑޫގައި މީހުން ދިރިއުޅުނު ގޮތް ފެނިގެންދާ ގޮތަށް ހެދި އެސެންޓަރުގައި ފިރާޤް ގިނަ އަހަރުތަކެއްވަންދެން އެއްކުރި ހުރިހާ ތަކެތި ފެންނަ ގޮތަށް ބަހައްޓައި ބޭރުން އަންނަ މެހެމާނުން ޝައުގުވެރިވާފަދަ ގޮތަކަށް ފަތުރުވެރިންނަށްވެސް ފީއަކާއެކު ޒިޔާރަތްކުރެވޭގޮތަށް، ބައެއް ރަށްޓެހިންގެ އެއްބާރުލުމާއެކު އޭނާ ސެންޓަރު ތައްޔާރުކުރިއެވެ.
ނަމަވެސް އޭނާ އެތައް އަހަރެންވަންދެން ކުރި ބުރަ މަސައްކަތް ބަޔަކުވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅިން ސުންނާފަތިކޮށްފައެެވެ. ސިޔާސީ ހަމަނުޖެހުމުގެ ތެރޭގައި ކަލްޗަރަލް ސެންޓަރު ރޯކޮށްލުމުން އެތަނުގެ ބޮޑުބައެއް އަނަދައިގެންދިޔައެވެ. އަދި ތަނުގައި ހުރި އާސާރުތަކުގެ ތެރެއިން ވަރަށް މުހިއްމު ބައެއް ތަކެތި ހަލާކުވެ، ބައެއް ސާމާނު ވަގަށް ނެގިއެވެ.
މިހިސާބުން ފިރާގުވަނީ އެތަނުގައި ބާކީ ހުރި ތަކެތި އަމިއްލަގެއަށް ގެނެސް އަނެއްކާވެސް އެތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓަން ފަށާފައެވެ. އަދި އިތުރު އާސާރުތައް އަނެއްކާވެސް އެއްކުރަން ފެށިއެވެ. ކަލްޗަރަލް ސެންޓަރުގެ ތަޖުރިބާގެ އަލީގައި ފިރާޤަށް ވިސްނުނީ އޭނާ އެތައް އަހަރެއްވަންދެން އެއްކުރި އާސާރީ ސާމާނު އަމިއްލަ ގޭގައި ބެހެއްޓުމަކީ އެންމެ ރައްކާތެރިގޮތްކަމަށެވެ. ސީދާ ދާރުލްއާސާރެއް ގޮތުގައި ނޫންނަމަވެސް އެތަން ބަލަން އަންނަ މީހުންނަށް ފީއަކާއި ނުލައި އެތަނުގައި ހުރި ތަކެތި ދައްކައެވެ.
"ކޮށިދޮރަ ހައުސް"ގެ ނަމުގައި ފޭސް ބުކް ޕޭޖެއް ހަދައި އެތަނުގައި ހުރި ތާރީޚީ ތަކެތީގެ ފޮޓޯތައް އާއްމު ކުރަން ފެށުމާއެކު އެތަނަށް ފުރަތަމަ ޒިޔާރަތްކުރީވެސް ޚާއްސަ ބޭފުޅެކެވެ. އެގޮތުން ފުރަތަމަވެސް އެތަން ބަލާލުމުގެ ޝައުގުވެރިކަން ފާޅުކޮށް އެތަން ބަލަން ޒިޔާރަތްކުރީ އައްޑޫ ސިޓީއަށް ކުރި ޒިޔާރަތެއްގައި އެމެރިކާއިން ރާއްޖެއާ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ކުރިން ހުންނެވި ސަފީރު އަތުލް ކެޝަޕްއެވެ. މީގެ އިތުރުން އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ވަޒީރުންނާއި ރާއްޖެއާ ބޭރުގެ އިސް ބޭފުޅުންގެ އިތުރުން ބައެއް ފަތުރުވެރިންވެސް އެތަނަށް ޒިޔާރަތްކުރެއެވެ.
ތަކެތި ބެހެއްޓުމަށް މިހާރު ހުރި ތަން ކުޑަވުމާއެކު މިވަގުތަށް ތަކެތި އެއްކުރުން ހުއްޓާލާފައިވާ ފިރާގު ބުނީ ވީހާވެސް ގިނަ މީހުންނަށް އައްޑޫގެ އާސާރީތަކެތި ފެންނާނޭހެން ވިސްނުންހުރީ އަމިއްލަ މިއުޒިއަމެއް ފަދަ ތަނެއް ހެދުމަށްކަމަށެވެ.
ފިރާޤް ބުނީ ހުސް ބިމެއްގައި މިއުޒިއަމެއް ހަދަން މަސައްކަތްކުރިކަމަށާއި، އެހެން ބަލާއިރު ވަކިތަނެއްގައި މިއުޒިއަމް ހެދީމަ ސަލާމަތީ ގޮތުން ބަލާއިރުވެސް އެހާ ރައްކާތެރިނޫންކަން ކުރީގެ ތަޖުރިބާއިން އެނގުނުކަމަށެވެ. އެކަމުގެ ކަންބޮޑުވުން ނެތްނަމަ މިހާރު އެފަދަތަނެއް ހެދިފައި ހުންނާނެކަމަށާއި އަމިއްލަ ގޭގައި ތަކެތި ބަހައްޓާފައިހުރީ އެހެންވެގެންކަމަށް އޭނާ ބުންޏެވެ.
އައްޑޫ ސީޓީ ކައުންސިލާއި އެކުވެސް މިކަމާއި ގުޅިގެން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށާއި، ކައުންސިލުންވެސް އެއްބާރުލުން ދޭން ތައްޔާރަށްތިބިކަމަށް އޭނާ ބުންނެވެ. އެގޮތުން ސިޓީ ކައުންސިލުން އިސްނަގައިގެން ތަރައްޤީކުރަން ނިންމާފައިވާ ކަލްޗަރަލް ވިލެޖްގައި ފިރާޤް ގެންގުޅޭ އާސާރީތަކެތި އާންމުންނަށް ފެންނަގޮތަށް ބެހެއްޓުމަށް އެދިފައިވާތީ އެކަމާމެދު ވިސްނަމުންދާކަމަށް އޭނާ ބުންޏެވެ.
"ކޮށިދޮރަ ހައުސް" އަށް ކުރެއްވި ޒިޔާރަތެއްގައި ހެރިޓޭޖް މިނިސްޓަރ ޔުމްނާމައުމޫން ވަނީ ފިރާޤް ތަރިކަ ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިކަމަށާއި، އެއީ ލިބުނު ހިތްވަރެއްކަމަށް އޭނާބުންޏެވެ.
ފިރާޤު ގަބޫލުކުރާގޮތުން ގަނެގެން ނަމަވެސް އޭނާ ގެންގުޅެނީ އައްޑޫ ރައްޔިތުންގެ ހަރުމުދަލެވެ. އަދި އެ ރައްކާކޮށްގެން ގެންގުޅުނަސް ސީޓީ ކައުންސިލުން ހަދާ ވިލެޖުގައިނަމަވެސް އަދި އަމިއްލަ ތަނެއް މިއުޒިއަމެއް ހުޅުވިނަމަވެސް އާންމުންނަށް ފެންނަތަނެއްގައި އެތަކެތި ބެހެއްޓުމަކީ އޭނާގެ މަޤްސަދެވެ.
"އަޅުގަނޑު ދެކޭ ހުވަފެނެއް މިކަހަލަ ބޮޑުތަނެއް ހަދާފައި، މިސާލަކަށް އަޅުގަނޑު އެތަނެއްގައި ކިޔައިދޭން ނެތްނަމަވެސް އަމިއްލައަށް ބަލާލީމަ އެއެއްޗެއްގެ މައުލޫމާތު އެނގޭނެ ފެންވަރަށް ތަނެއް ތައްޔާރުކުރުމަކީ. އެކަން ޚިޔާލުގައިވެސް އެބައޮތް، ޑްރީމަކީވެސް އެއީ" ފިރާޤު ބުންޏެވެ.
އައްޑޫގައި ފިރާގް ނޫނަސް ތާރީޚީ ތަކެތި ކޮންމެވެސް މިންވަރަކަށް އެއްކުރާ ބައެއް މީހުން އުޅޭއިރު، ފިރާގް ބުނީ ބައެއް މީހުންގެ ވިސްނުން މިފަދަ ކަންކަމުގައި އެހާ ރަނގަޅުނޫންކަމަށެވެ. އަޅުގަނޑުމެން މިކަހަލަ ކަންކަން ކުރީމާ ބައެއް މީހުން ދެކެނީ އެހެންކަހަލަ ގޮތަކަށްކަމަށް ފިރާޤު ބުނެއެވެ.
އެސްޓީއޯގައިވެސް 23 އަހަރުވަންދެން މަސައްކަތްކުރައްވާފައިވާ ފިރާޤަކީ މިހާރުވެސް ވިޔަފާރީގެ ދާއިރާގައި ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. ފިރާޤް ބުނީ މި މަސައްކަތުގައި އޭނާގެ ކުދިންގެ އެއްބާރުލުން ލިބޭކަމަށާއި އޭނާގެ ދެ ކުއްޖަކު މިކަމަށް ޝައުގުވެރިވާކަމަކަށެވެ.
މިއާއެކު މިހާރު ވިސްނާފައިވާ ގޮތަށް އަސާރުތައް އާންމުނަށް ފެންނާނެގޮތަށް ތަނެއްގައި ހަމަޖެހި ބެހެއްޓިއްޖަނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށެވެ. އެންމެ އުންމީދުކުރަނީ އަމިއްލަ މިއުޒިއަމެއް ހުޅުވުމަށް ކަމަށް ފިރާޤް ބުންޏެވެ.