މިހާރު ވޯކް ވިސާއަށް ކޮންމެ ވަގުތަކުވެސް އެދެވޭނެ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ވިދާޅުވީ ވޯކު ވިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ވިސާ ޖެހުމަށް ޕާސްޕޯޓު ހުށައެޅުމަށް އެޕޮއިންޓްމަންޓް ދޫކުރާނީ ޢާއްމުކޮށް ޚިދުމަތްދިނުމަށް ސަރުކާރު އޮފީސްތައް ހުޅުވާލުމުގެ ހުއްދަ ލިބުމުން ކަމަށެވެ. އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެވުމަށްފަހު ފުރަތަމަ ދައްކާ ވިސާ ފީ ވެސް މިހާރު އޮންލައިންކޮށް ދައްކާލެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާކަމަށެވެ. މިއާއެކު ވިސާ ފީ އާއި ގުޅޭ ހުރިހާ ޚިދުމަތެއް މިހާރު އޮންލައިންކޮށް ލިބޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ކުރިންވަނީ ކޯވިޑް-19ގެ ސަބަބުން ވިސާ ފައިސާ ދައްކަން ދަތިވެފައިވާ ފަރާތްތަކާއި ވިސާ ހެއްދުމަށް އުޒުރުވެރިވެފައިވާ ފަރާތްތަކުގެ ފީދެއްކުން ވަގުތީގޮތުން ފަސްކޮށްދީފައެވެ. އިމިގްރޭޝަނުން އަންނަނީ ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީންގެ ކަންކަން ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ބަލަމުންނެވެ. އެގޮތުން މިދަނޑިވަޅުގައި ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި ގަވާއިދާއެއްގޮތަށް ތިބި މީހުންގެ ތެރެއިންވެސް ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.