ޗައިނާއާއި އޮސްޓްރޭލިޔާއާ ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮސްޓްރޭލިޔާއިން ކުރަމުންދާ މަސައްކަތަށް ޗައިނާއިން އެއްބާރުލުން ނުދޭކަމަށް ބުނެފިއެވެ.
ކޯވިޑް-19އާ ގުޅޭގޮތުން ޗައިނާއިން ޢަމަލުކޮށްފައިވާ ގޮތާގުޅޭގޮތުން މިނިވަން ތަހުޤީގެއްކުރުމަށް އޮސްޓްރޭލިޔާއިންވަނީ ގޮވާލާފައެވެ. އޮސްޓްރޭލިޔާއިން ބުނީ އެއީ ސިޔާސީ މަޤުޞަދެއްގައި ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ. ނަމަވެސް އޮސްޓްރޭލިޔާއިން ޒާތީ ނިންމުންތަކެއް ނިންމާކަމަށް ޗައިނާއިންވަނީ ތުހުމަތުކޮށްފައެވެ.
އޮސްޓްރޭލިޔާއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި އެ ޤައުމުގެ އާބާދީގެ 79 އިންސައްތަ މީހުން ކޯވިޑް-19ގެ މައްސަލަ ތަހުގީގުކުރުމަށް ތާޢީދުކުރެއެވެ. އޮސްޓްރޭލިޔާގައި ހުންނަވާ ޗައިނާގެ ސަފީރުވަނީ އޮސްޓްރޭލިޔާއިން ތަހުޤީގު ކުރިއަށްގެންދާނަމަ އޮސްޓްރޭލިޔާގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލާނެކަމުގެ އިންޒާރުދީފައެވެ. އޮސްޓްރޭލިއާއިން ބޭރުކުރާ މުދަލުގެ ޖުމުލަ އަގުގެ 30 އިންސައްތަ ޙިއްޞާކުރަނީ ޗައިނާގެ ބާޒާރުންނެވެ.
އޮސްޓްރޭލިޔާގެ އެއްގަމުމަސް ބަންދުކުރާ އެންމެ ބޮޑު ހަތަރު ކުންފުނީގެ އުފެއްދުންތައް އެތެރެނުކުރުމަށް ޗައިނާއިންވަނީ ނިންމާފައެވެ. އަދި ގޮދަނުގެ ބާވަތްތައް އެތެރެކުރުމުގައި ބޮޑެތި ފީތަކެއް ނަގަން އެ ޤައުމުންވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން އަޅާފައިވާ ފިޔަވަޅެއް ނޫންކަމަށް ދެ ޤައުމުންވެސް ބުނެއެވެ.
އޮސްޓްރޭލިޔާގެ ވިޔަފާރިއާބެހޭ ވަޒީރު ސައިމަން ބާމިންހަމް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ ގުޅޭގޮތުން ޗައިނާއާއެކު މަޝްވަރާކުރުމަށް އެތައް ފަހަރެއްގެ މަތިން އެދުނުނަމަވެސް ޗައިނާއިން އެކަމަށް ޢިޖާބަދީފައިނުވާކަމަށެވެ. އޭނާވަނީ އެކަމާ ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.
ކޯވިޑް-19އާ ގުޅިގެން ޗައިނާގެ ރައްޔިތުންނާމެދު ނަސްލީ ތަފާތުކުރުން ގެންގުޅޭކަމަށާއި ޖިސްމާނީ އަނިޔާދެމުންދާކަމަށް ބުނެ އޮސްޓްރޭލިޔާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ޗައިނާގެ ސަރުކާރުންވަނީ ގޮވާލާފައެވެ. އޮސްޓްރޭލިޔާއިންވަނީ އެ ޤައުމުގެ ދާޚިލީ ކަންކަމަށް ނުފޫޒުފޯރުވަން ޗައިނާއިން މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އޭގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންވަނީ އިތުރަށް ގޯސްވެފައެވެ.