ޚަބަރު

އެމެރިކާއާއެކު އިތުރު ޤައިދީން ބަދަލުކުރުމަށް އީރާނުން ތައްޔާރު


އެމެރިކާއާއެކު އިތުރު ޤައިދީން ބަދަލުކުރުމަށް ތައްޔާރަށް އޮތްކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޢައްބާސް މޫސާވީ ވިދާޅުވީ އެމެރިކާއާއެކު ޤައިދީން ބަދަލުކުރުމަށް އިތުރު ފުރުޞަތެއް އޮތްނަމަ އެކަމަށް އީރާނުން އެއްބާރުލުން ދޭނެކަމަށެވެ. އަދި އެމެރިކާގައި ހައްޔަރުކޮށްފައިތިބި އީރާނުގެ ހުރިހާ ރައްޔިތުން މިނިވަންކުރަން އެދޭކަމަށާއި އެމީހުން އަނބުރާ ޤައުމަށް ގެންނަން އީރާނުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

2018ވަނަ އަހަރުން ފެށިގެން އީރާނުގައި ހައްޔަރުކޮށްފައިހުރި އެމެރިކާގެ ކުރީގެ ކަނޑުގެ ސިފައިންގެ މީހެއްކަމަށްވާ މައިކަލް ވައިޓުވަނީ އީރާނުން މިދިޔަ ހަފުތާގައި މިނިވަންކޮށްފައެވެ. އޭނާ މިނިވަންކޮށްފައިވަނީ އެމެރިކާގައި ހުރި އީރާނާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ޑޮކްޓަރެއްކަމަށްވާ މާޖިދު ތަހޭރީ އީރާނަށް ޒިޔާރަތްކުރުމުގެ ޙުއްދަދިނުމަށް ޝަރުތުކޮށްފައެވެ.

ވިޔަފާރީގެ ސިއްރުތަކެއް ވަގަށްނެގިކަމުގެ ތުހުމަތުކުރެވޭ ވައިޓް މިނިވަންކޮށްފައިވަނީ އެމެރިކާގައި ހައްޔަރުކޮށްފައިހުރި އީރާނުގެ ޕްރޮފެސަރު ސިރުސް އަސްޤަރީ އެމެރިކާއިން ފޮނުވާލިތާ ދެ ދުވަސް ފަހުންނެވެ. ނަމަވެސް އީރާނާއި އެމެރިކާއިންވަނީ އަސްޤަރީ ދޫކޮށްލީ ވައިޓުގެ ބަދަލުގައި ނޫންކަމަށް ތަކުރާރުކޮށް ބުނެފައެވެ.