ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކޯޓުތަކަށް މީހުން ހާޒިރުނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލަތައް ކުރިއަށް ގެންދަން ފެށި އެވެ. މީގެ ކުރިންވެސް ބައެއް މައްސަލަތަކުގައި ބޭނުންވާ ހެކި ނެގުމަށް ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސް ބާއްވަމުން އާދެއެވެ. އެހެންނަމަވެސް އެކަންވެސް ބަދަލުވެ މިއަދު މިވަނީ ދިވެހި ރާއްޖޭ ޝަރުއީ ނިޒާމު ތާރީހުގެ ތެރެއަށް ވަދެފައެވެ. ޝަރީއަތުގެ މަޖިލިސްތައްވެސް މި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވަން ފަށާފައެވެ. އަދި އެ ޝަރީއަތުގެ މަޖިލިސްތައް އޮންލައިންކޮށް ވަގުތުން ދުރަށް ދައްކަންވެސް މިވަނީ ފަށާފައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސްތައް ބާއްވަން ނިންމައި އެކަން އަމަލީ ގޮތުން ފުރަތަމަ ފެށީ ފެމެލީ ކޯޓްގައެވެ.
އާންމު ސިއްޙަތުގެ ކުއްލި ނުރަކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްް މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ އުސޫލެއް އެކުލަވާލައި އެ އުސޫލު މިދިޔަ މަހުގެ 3 ވަނަ ދުވަހު އާއްމުކުރި އެވެ. އެއާއެކު އޭގެ ތިން ދުވަސް ފަހުން މޭމަހުގެ 6 ވަނަ ދުވަހު ފެމިލީ ކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ކައިވެނި ކޮށްދީފައިއެވެ. އެކައިވެންޏަކީ ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންރަފަރެންސް މެދުވެރިކޮށް ކޯޓަކުން ކޮށްދިން ފުރަތަމަ ކައިވެންޏެވެ. އެކަން އެތައް ބައެއް ސަމާލުކަމަށް އެ ދުވަހު އައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިިކޮށް ފުރަތަމަ ކުރި ކައިވެންޏަކީ ރުޖޫއަ ކައިވެންޏަކަށް ވިއަސް އޭގެ ފަހުން މިވީ ކުރު މުއްދަތުގެ ތެރޭގައި 52 ކައިވެންޏެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަނީ ކޮށްފައިއެވެ.
ކައިވެންޏަށް ފަހު ދެން ފެށުނީ ވަރިކުރުމެވެ. ފެމިލީ ކޯޓަށް ބައެއް މީހުން ހުށައަޅާފައިވާ ވަރީގެ މައްސަލަތައްވެސް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންގޮސްފައިއެވެ. އޭގެ ތެރޭގައި ދެމަފިރިން ބޭނުންވެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޝަރީއަތުގަައި ޤާޟީގެ ހުއްދައާއެކު ވަނީ ވަރިކޮށްފައިއެވެ. މިއީ ރާއްޖޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރި ފުރަތަމަ ވަރިއެވެ.
ހަމަ އެހެންމެ ކޯޓުން ބޭރުގައި ކުރި ވަރިތައް ކޯޓުގައި ސާބިތުކުރުންވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުނު ޝަރީޢަތްތަކުގައި ބައެއް ވަރިތައްވެސް ވަނީ ސާބިތުކޮށްދީފައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތެއް ހިންގުމަށް ނިންމުމަށްފަހު ފުރަތަމަ ޝަރީއަތެއް ހިންގާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ފެމިލީ ކޯޓުން ވިދާޅުވި ގޮތުގައި ކޯވިޑް-19 އާއި ގުޅިގެން އެކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ނިންމި ފަހުން މިހާތަނަށް 15 މައްސަލައެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ގެވެށި އަނިޔާގެ މައްސަލައާއި، ވަރި ސާބިތުކުރުމުގެ މައްސަލައަކާއި ވަރިވުމަށް އެދި ހުށައެޅި މައްސަލައަކާއި ވަރިކުރުމަށް ހުށައެޅި މައްސަލަތައް ހިމެނެ އެވެ.
މިމުއްދަތުގައި އެކޯޓަށް ހުށަހަޅާފައި ވަނީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އެއް މައްސަލައެވެ. އެ މައްސަލަވެސް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްކޮށް ނިންމާލުމުން ވެގެން ދިޔައީ އަނެއްކާ ފެމިލީ ކޯޓުގެ ތާރީޚީ ދުވަހަކަށެވެ.
މި ހުރިހާ ކަމެއްވެސް ހިނގަމުންދަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފެމިލީ ކޯޓުން މައްސަލަތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލާއި ވީޑިއޯ ކޮންފަރެންސް މެދުވެެރިކޮށް ކައިވެނީގެ މަޖިލިސް ބާއްވާ ކައިވެނި އަގުދުކޮށް ދިނުމުގެ އުސޫލެއް ކަނޑައަޅާ އެގޮތަށެވެ.
އޮންލައިންކޮށް ފެމެލީ ކޯޓުން މައްސަލަތައް ގެންނަ ފެށުމުން ރާއްޖޭގެ އިންޓަނެޓް ހާލަތު އޮތް ގޮތުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަންވެސް ފެށިއެވެ. އޭގެތެރޭގައި އެންމެ ބޮޑަށް ފާހަގަވީ ކައިވެނި ކޮށްދޭ މަޖިލީހެއްގައި އަނބި ގަބޫލުކުރަން ބުނާ ހިސާބުން ކަނެކްޝަން ގެއްލިއްޖެނަމަ ދެން ވެދާނެ ގޮތަކާއި މެދުގައި އުފެއްދި ސުވާލުތަކެވެ. އަލުން މަޖިލިސް ފަށާނީތޯ އެއް ބަޔަކު ސޯޝަލް މީޑިއާގައި ސުވާލުކުރިއިރު އަނެއް ބަޔަކު ސުވާލު އުފެއްދީ އެހެން ވެއްޖެ ހާލަތެއްގައި ކައިވެނި ސައްހަ ވެދާނެ ކަމާއި މެދުގައެވެ.
މި ހުރިހާ ސުވާލުތަކަށްވެސް ފެމެލީ ކޯޓުން ދިނީ ފަހުރުވެރި ޖަވާބެކެވެ. ކައިވެނި ނުވަތަ ވަރި ނުވަތަ އެހެން އެއްވެސް ޝަރީއަތުގެ މަޖިލީހެއްވެސް އަޑު ކެނޑި ވީޑިއޯ ނުފެނި ވާނުވާ ނޭނގި ތިބެ ނިންމާލަން ޖެހިފައެއްނުވެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބާއްވައި ކައިވެނި އަގުދުކޮށްދީ ނިންމާފައި ވަނީ ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ އިގުރާރެއްގައި ކައިވެނިވެވޭ ދެ ފަރާތުންނާއި ވަލީވެރިޔާގެ އިތުރުން ދެ ހެކިން ސޮއިކޮށް ހުށައަޅައިގެންނެވެ.
ކައިވެނިތައް ފަށާފައިވަނީ ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާން ޖެހޭ މީހުން ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ހާޒިރީގައި ސޮއިކުރުމަށްފަހު ވަގުތުން ފޮނުވުމުންނެވެ.
އޮންލައިންކޮށް ކައިވެނިކުރި ނަމަވެސް އެ ކައިވެނީގެ މަޖިލިސްވެސް އެހެނިހެން ކަންކަންވެސް އެއްވެސް ތަފާތެއް ނޫނެވެ. ހުރިހާކަމެއްވެސް ހިންގަމުންދަނީ ޢާއްމު އުސޫލުން ކައިވެނީގެ މަޖިލިސްތައް ކުރިއަަށް ދާގޮތަށެވެ.