ވިޔަފާރި

ފެލިވަރު އަދި ކޫއްޑޫ މަސްކާރުހާނާގައި މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރަނީ


ފެލިވަރު އަދި ކޫއްޑޫ މަސްކާރުހާނާގައި މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް މިއަހަރުތެރޭ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ ފެލިވަރު އަދި ކޫއްޑޫގައި މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ ފެލިވަރުގައި މަސް ކަނޑުކުރެވޭނެ ނިޒާމެއް ޤާއިމްވެފައިނުވުމުން މަސްވެރިންގެ އަތުން މަސްގަތުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

"ޚާއްސަކޮށް ފެލިވަރުގަ މަސްގަތުމުގެ އޮޕަރޭޝަންގައި އެބަހުރި ދަތިތަކެއް، އެއީ ފްރީޒިންގ ބައި ނެތުން، ކުރިއަށް އޮތް ދެތިން މަސްތެރޭގައި ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެށޭނެ، އެއީ ފެލިވަރުގައި ގާތްގަނޑަކަށް 4000 ޓަނުގެ ސްޓޯރެޖް ކެޕޭސިޓީއާއި، 240 ޓަނު މަސް ދުވާލަކަށް ކަލެކްޓް ކުރުން،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ކޫއްޑޫ މަސް ކާރުހާނާގައިވެސް މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫޢާއި އެކު ކޫއްޑޫ މަސްކާރުހާނާގައި މަސް ރައްކާކުރެވޭ މިންވަރު 6000 ޓަނަށް އިތުރުވެގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފެލިވަރުގައި މިހާރު މަސްވެރިންގެ އަތުން މަސްގަތުމުގެ ޤާބިލްކަން ހުރީ ދުވާލަކަށް 50 ޓަނެވެ. ފެލިވަރު 240 ޓަނާއި ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

ކޫއްޑޫގައި މަސް ރައްކާކުރުމުގެ ޤާބިލްކަން މިހާރު ހުރީ 2000 ޓަނުގައެވެ. އަދި މިފްކޯއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ސްޓޯރޭޖް ބޮޑު ކުރުމުގެ މަސައްކަތްތަކާއި އެކު ކޫއްޑޫގައި މަސް ރައްކާކުރެވޭ މިންވަރު 6000 އަށް އިތުރުވެގެންދާނެއެވެ.