ފުޓުބޯޅަ

ޤަތަރުގެ އެހީގައި ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅައިދެނީ




ޤަތަރުގެ އެހީގައި ހުޅުމާލޭގައި ސްޓޭޑިއަމްއެއް
އަޅައިދޭން ނިންމައިފިއެވެ. އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު
ޝަވީދު ވިދާޅުވީ ޤަތަރުގެ އެހީގައި އާ ސްޓޭޑިއަމްއެއް ހުޅުމާލޭގައި އެޅުމަށާއި،
ގަލޮޅު ދަނޑުގެ ވިނަ ގަނޑު ބަދަލުކޮށްދޭން އެޤައުމުން އެއްބަސްވެފައިވާ ކަމަށެވެ.

  ހުޅުމާލޭގައި ހެދުމަށް ނިންމާފައިވާ ސްޓޭޑިއަމް ވެގެންދާނީ ފީފާއިން
ޤަބޫލްކުރާ ފެންވަރުގެ ދަނޑަކަށް ކަމަށްވެސް ޝަވީދު ވިދާޅުވިއެވެ. ދަނޑަށް ބޭނުންވާ
ވިނަގަނޑާ ލައިޓް ސިސްޓަމްގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ފޯރުކޮށްދޭނީ
ޤަތަރުން ކަމަށް ޝަވީދު ވިދާޅުވިއެވެ. ޤަތަރުގެ ޓީމެއް މިހާރު ރާއްޖެއައިސް
ހުޅުމާލޭގައި ދަނޑު އަޅަން ބޭނުންވާ ސަރަހައްދު ބަލާފައިވާ ކަމަށާއި، އިތުރު
ސަރވޭތައް އެޓީމުން މިހާރުވެސް ހަދަމުން ދާކަމަށް އެފްއޭއެމްއިން މަޢުލޫމާތުދެއެވެ.

އަލަށް އަޅާ ދަނޑުގެ ޖާގައިގެ އަދަދާ ސްޓޭޑިއަމްގެ ސައިޒް ނިންމާނީ ރާއްޖޭ
ސަރުކާރުން ކަމަށްވެސް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު
ޝަވީދު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހު މިދަނޑުގެ މަސައްކަތް
ނިންމުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޝަވީދު ވިދާޅުވިއެވެ.

މީގެ އިތުރުން
ކުޅުންތެރިން ޤަތަރަށް ފޮނުވައިގެން ތަމްރީން ދީ ތަފާތު އެހީތައް ވެދިނުމުގެ ގޮތުން ޤަތަރާ ރާއްޖެއާ
ދެމެދު މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް ޝަވީދު
ވިދާޅުވިއެވެ. މިއަހަރު އަލަށް ރާއްޖޭގައި ފެށި އުރީދޫ ދިވެހި ޕްރިމިއަރ  ލީގަށްވެސް ޤަތަރުން ވަނީ ފައިސާގެ އެހީވެދީފައެވެ.